26 Jun 2014, 15:55
ރާއްޖޭގައި ސްރީލަންކާގެ ހައިކޮމިޝަންގެ އޮފީހެއް ގާއިމް ކުރުމަށް މާލެއިން ބިމެއް ކަނޑައަޅާފައި ވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ދުންޔާ އެކަން ހާމަކުރެއްވީ، ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ މިހާރު ރައްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ބައްދަވުންތަކަށް ފަހު، ދެގައުމުގެ ހާރިޖީ ވަޒީރުން މީޑީއާއަށް މައުލޫމާތު ހިއްސާކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައެވެ.
ދުންޔާ ވިދާޅުވީ، ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ މާ ކުރިން، 1906 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ލަންކާގައި މިޝަނެއް ހިންގަމުން ކަމަށެވެ. އެހެން ކަމުން ލަންކާގެ އޮފީހެއް ރާއްޖޭގައި ހުރުމަކީ ވެސް ރާއްޖެއަށް މުހިއްމު ކަމަކަށް ވާތީ އޮފީހެއް އަޅަން ލަންކާއަށް ބިމެއް ދޫކުރަނީ، އެގައުމުގައި ރާއްޖޭގެ އޮފީހެއް އަޅަންވެސް ބިމެއް ދޭގޮތަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ސްރީ ލަންކާގެ ހައިކޮމިޝަންގެ އޮފީސް ގާއިމް ކުރުމަށް މާލެއިން ބިމެއް ކަނޑައަޅާފައި ވާ ކަން އުފަލާއެކު ފާހަގަކުރަން. އެއީ ބަދަލުގައި ސްރީ ލަންކާގައި ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އޮފީސް އަޅަން ބިން ހަމަޖައްސާ އުސޫލުގެ މަތިން،" ދުންޔާ ވިދާޅުވި އެވެ.
އަންނަ އަހަރަކީ ރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށް ވުމުން، ދެގައުމު ގުޅިގެން ސިޔާސީ ގުޅުމުގެ "ރަން ޔޫބީލް" ކުލަ ގަދަކޮށް ފާހަގަކުރަން ނިންމާފައި ވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ލާންކާގެ ހައިކޮމިޝަންގެ އޮފީހެއް އެޅުމަށް މާލެއިން ބިމެއް ހަމަޖެހިފައި ވާކަމަށް ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވި ނަމަވެސް ބިން ދޫކުރީ ކޮންތަނަކުން ކަމެއް ވިދާޅެއް ނުވެއެވެ.
"މިނިސްޓަރު ވިދާޅުވި ފަދައިން ލަންކާގެ ހައިކޮމިޝަންގެ އޮފީހެއް އެޅުމަށް މާލެއިން ބިމެއް ސަރުކާރުން ވަނީ ކަނޑައަޅާފައި. އެއީ ކޮންތަނެއްކަން ވަރަށް އަވަހަށް ހާމަކުރާނެ،" ލަންކާގެ ހައިކޮމިޝަން އެޅުމަށް މާލެއިން ބިމެއް ދޫކުރުމަށް ދެތަނެއް ބައްލަވަމުންދާ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ނަހްލާ އަލީ ވިދާޅުވި އެވެ.