ދިވެހިރާއްޖޭގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ސްރީލަންކާގެ ‏‏ރައީސް މަހިންދަ ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ‏‏މެންދުރުކުރީގައި ކުރުނބާ މޯލްޑިވްސްގައެވެ. ‏

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އޮތް ‏‏ޒަމާންވީ ގާތް ރަހްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ. ‏

އެބައްދަލުކުރެއްވުމުގައި،‏‎ ‎‏ނާއިބް ރައީސް ޑރ. ޖަމީލް ދެއްކެވި ވާހަކަފުޅުގައި ‏‏ސްރީލަންކާ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތް ކަމަށާއި، މިގުޅުން ދެމެހެއްޓުމަށްޓަކައި ‏‏ސްރީލަންކާ ސަރުކާރާއި ރައްޔިތުން ކުރައްވާ މަސައްކަތްޕުޅަށާއި، ދިވެހިރާއްޖެއަށް ދެއްވާ ‏‏އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ސްރީލަންކާގެ ރައީސަށާއި ސަރުކާރަށް ޝުކުރު ‏‏އަދާކުރެއްވިއެވެ. ‏

ސްރީލަންކާ ރައީސްގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު ‏‏ތިން އެއްބަސްވުމުގެ ސަބަބުން، ދެގައުމުގެ ގުޅުން އިތުރަށް ތަރައްގީވެގެން ދާނެކަމަށް އުންމީދު ކުރައްވާ ‏‏ކަމުގައިވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

‏ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ‏‏ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ‏‏އަދާކުރެއްވިއެވެ. އަދި، ރާއްޖެއިން ބޭނުންވާ ކަންކަމުގައި ސްރީލަންކާ ސަރުކާރުން އަބަދުވެސް ‏‏އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ރާޖަޕަކްސަ ދެއްވިއެވެ.