26 Jun 2014, 15:15
އަވައްޓެރި ސްރީ ލަންކާއާ ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައި ވާކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ދެގައުމުގެ ސަރުކާރުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކަށް ފަހު، މީޑިއާއަށް މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ، ސްރީލަންކާއަކީ ދިވެހިރާއްޖެއާ އެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމްކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމު ކަމަށެވެ.
ރާއްޖެއާ ސްރީ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ، އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެއަށް ސިޔާސީގޮތުން މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 26 ޖުލައި 1965 އެވެ.
"ސްރީ ލަންކާއަކީ ދިވެހިރާއްޖެއާ އެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމްކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް،" ދުންޔާ ވިދާޅުވި އެވެ. "މިއަންނަ އަހަރު ދެގައުމުގެ ސިޔާސީ ގުޅުމުގެ ރަން ޔޫބީލް އަޅުގަނޑުމެން ފާހަގަ ކުރާނަން."
ލަންކާގެ ރައީސްގެ ދަތުރުފުޅަކީ ރާއްޖެއަށް އެތައް ގޮތަކުން ހާސައް ދަތުރުފުޅެއް ކަން ފާހަގަ ކުރައްވައި ދުންޔާ ވިދާޅުވީ، ރާއްޖެއާ ސްރީ ލަންކާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުމާއި، ދެގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހްތިރާމުގެ ސަބަބުން ލަންކާއަކީ ރާއްޖޭގެ ދެގޮތެއް ނުވާ ރަހްމަތްތެރިއަކަށް ވެފައިވާ ކަމަށެވެ.
"ސްރީ ލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ އިތުބާރުކުރެވޭ އެއް ގައުމު. މި ދަތުރުފުޅުގެ ސަބަބުން މި ދެގައުމުގެ ދޭތެރޭގައި އޮތް ގާތް، ޒަމާންވީ ގުޅުން މިވަނީ އިތުރަށް ބަދަހިވެ ހާމަވެފައި،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ، ރައްޖެއާ ލަންކާއާ ދެމެދު އޮތް ގާތް ގުޅުމަކީ ދުނިޔޭގެ އެހެން ގައުމުތަކުން ބަލައިގަންނަ މިސާލެއް ކަމަށެވެ. އެގޮތުން މި ގުޅުމުގެ ސަބަބުން ދެގައުމުގެ އިގްތިސާދަށް ވެސް ހެޔޮ އަސަރުތަކެއް ކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ރާއްޖޭގެ ތަފާތު ސިނާއަތްތަކުގައި ސްރީލަންކާގެ ރައްޔިތުންގެ ހިދުމަތް ރާއްޖެއަށް ލިބޭ އިރު، ރާއްޖެއިން ވެސް ލަންކާގެ އިގްތިސާދީ ތަރައްގީއަށް އެހީތެރިކަން ލިބެމުން ދާކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
"މިދިޔަ އަހަރު 80،000 އަށް ވުރެގިނަ ފަތުރުވެރިން ދިވެހި ރައްޖެއިން ސްރީލަންކާއަށް ޒިޔާރަތްކުރި، ދިވެހިރާއްޖެއަކީ މިހާރު ވެސް ސްރީ ލަންކާއަށް ފަތުރުވެރިން ފޮނުވާ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓް،" ދުންޔާ ވިދާޅުވި އެވެ.
ލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖީއެލް ޕީރިއަސް ވިދާޅުވީ، ކުރިއަށް އޮތްތނުގައި ލަންކާއާ ރާއްޖެއާ ދެގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދެވިފައި ވާއިރު، ޓޫރިޒަމާއި އެހެނިހެން ވިޔަފާރިއާއި ތައުލީމާއި، ސިއްހީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ސަލާމަތީ ކަންކަމުގައި ވެސް ރައްޖެއަށް އެހީތެރިވެ ދިނުމަށް އެގައުމުން ތައްޔާރަށް އޮތް ކަމަށެވެ.