ފިނޭންސް މިނިސްޓްރީން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް ބަޖެޓު އިތުރުކޮށްދީފައިވާކަން އޮޑިޓް ރިޕޯޓުން ހަމާވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ނެރުއްވި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ޓްރައިބިއުނަލްގެ މިދިޔަ އަހަރުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި ވަނީ 5.7 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ ބަޖެޓުގެ އިތުރަށް 1.2 މިލިއަން ރުފިޔާ ގަވާއިދާ ޚިލާފަށް ފިނޭންސް މިނިސްޓްރީން އިތުރުކޮށްދިނުމުން އެ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ބަޖެޓުން މިދިޔަ އަހަރު ގަވާއިދާ ހިލާފަށް ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށް އެ ޓްރައިބިނުނަލްގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓްގައި ބުނެފައި ވަނީ މައިގަނޑުގޮތެއްގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން 2013 ވަނަ އަހަރުގެ ހަރަދުތަށް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ޓްރައިބިއުނަލަށް ފާސްކޮށްދިން ބަޖެޓްގައި ކަނޑައެޅިފައިވާ ކަންތައްތަކާއި އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓަށް އުނިއިތުރެއް ގެނެވޭނީ މަޖިލީހަށް ހުށަހަޅައި މަޖިލީހުން އެކަން ފާސްކުރުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތާއި ޚިލާފަށް ފިނޭންސް މިނިސްޓްރީން ބަޖެޓަށް ފައިސާ އިތުރުކުރުމަކީ މަޖިލީހުން ބަޖެޓް ފާސްކުރުމުގެ މަގުސަދު ގެއްލި، ބަޖެޑް ޑެފިސިޓް އިތުރުވުމަށް މަގުފަހިވާކަމެއް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

މާލީ ހިސާބުތައް ބެލެހެއްޓުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމަލުކުރަމުންދާ ބައެއް އުސޫލުތައް އިސްލާހު ކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.