26 Jun 2014, 14:32
ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ ލާއިންސާނީ، ޖަރީމާތަކުގެ އެއްވެސް ނުރައްކަލެއް އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ނެތްކަމަށް އެގައުމުގެ އެކަސްޓާނަލް އެފެއާޒް މިނިސްޓަރު ޖީއެލް ޕީރިއަސް ވިދާޅުވެއްޖެ އެވެ.
ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ދެގައުމުގެ ސަރުކާރުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކަށް ފަހު، މީޑިއާއާ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ޕީއެލް ޕީރިއަސް ވިދާޅުވީ، ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ، އެގައުމުގެ ބައެއް ރައްޔިތުންތަކެއްގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުމެއް ކަމަށާއި އޭގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުގެ ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް މިވަގުތަށް ނެތް ކަމަށެވެ.
"ލަންކާގައި ގާތްގަނޑަކަށް 9400 ދިވެހިން ދިރިއުޅެމުން ދަނީ ވަރަށް ހިތްހަމަޖެހުމާއި އުފާވެރިކަމާއެކު
ގިނަ ދިވެހިން ދިރިއުޅެނީ، ކޮލަމްބޯގެ ދެކުނު ސަރަހައްދުތަކުގައި އާންމުގޮތެއްގައި ދެހިވެލަ ހިސާބުގައި،" އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވި އެވެ. "ދިވެހިން އާންމުކޮށް ދިރިއުޅޭ ހިސާބުތަކުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިގާ. އެހިސާބުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު ކަންބޮޑުވާންޖެހޭކަށް ނުޖެހޭ."
އޭނާ ވިދާޅުވީ، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު، އެގައުމުގެ ސަރުކާރުން، ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ދާ ކަމަށެވެ.
"ސްރީލަންކާ ސަރުކާރުން ދަނީ ހާއްސަގޮތެއްގައި ލަންކާގަ ދިރިއުޅޭ ދިވެހިންގެ ހާލު ބަލަމުން. އެހެން ކަމުން ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިން ބިރުގަންގަންޖެހޭ އެއްވެސް ކަހަލަ މައްސަލައެއް ނެތްކަން ޔަގީންކޮށް އަރުވަން،" ޖީއެލް ޕީރިއަސް ވިދާޅުވިއެވެ.
އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު އެގައުމުގެ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ދަނީ، ވަރަށް ގާތުން ބަލަމުން ކަމަށާއި، ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުން ގެނދާ ކަމަށެވެ.
ލަނާކާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރި ވަނީ އެގައުމުގެ ސިންހަޅަ ބުޑިސްޓުންގެ ތެރޭގައި ހިމެނޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާ (ބީބީއެސް) ކިޔާ ޖަމާއަތަކުންނެވެ.