ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާވާ (ޕީޑީއާރުއެމް) އިން މެލޭޝިއަން ޕްރިމިއާ ލީގުގެ ތަށި ހިތްލާލައިފި އެވެ.

ހުނަރުވެރި ފޯވާޑް ދަނގަޑޭއާ އެކު ޕީޑީއާރުއެމްއިން ތަށި ހިއްލާލުމުން، ދަނގަޑޭ ވެފައި ވަނީ ރާއްޖެ އިން ބޭރުގެ ކުލަބަކަށް ތަށި ހޯދައިދިން ހަމައެކި ދިވެހި ކުޅުންތެރިޔާ އަށެވެ.

ޕީޑީއާރުއެމް އިން މެލޭސިއާ ޕްރިމިއާ ލީގުގެ ތަށި ހިތްލާލީ، ލީގުގައި އެޓީމު ކުޅުނު އެންމެ ފަހު މެޗުގައި ކެޑާއާއާ ދެ ކޮޅަށް ކުޅެ 2-3 ލަނޑުން ޕީޑީއާރުއެމް ބަލިވި މެޗަށް ފަހު އެވެ. އެމެޗުން ޕީޑީއާރުއެމް ބަލިވި ނަމަވެސް ލީގުގެ ތަށި އެ ޓީމަށް ލިބުނީ ލީގުގައި އެ ޓީމު ކުޅުނު 22 މެޗުގެ ތެރެއިން 52 ޕޮއިންޓް ހޯދައިގެންނެވެ. އަދި ޕީޑީއާރުއެމްއާ ޖެހިގެން ދެ ވަނަ އަށް އޮތް ފެލްޑާ ޔުނައިޓެޑް ވެސް ލީގުގައި 22 މެޗް ކުޅުނުއިރު އެޓީމަށް ލިބުނީ 50 ޕޮއިންޓެވެ. އެހެން ކަމުން ޕީޑީއާރު އެމްއަށް ލީގް ތަށި ލިބުނީ ލީގުގެ ދެ ވަނަ މަގާމްގައި އޮތް ފެލްޑާއަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ ފަހު މެޗުން ޕީޑީއާރުއެމް ބަލިވި ނަމަވެސް އެޓީމަށް ލީގުގެ ތަށި ލިބުނު މެޗުގައި ދަނގަޑޭ ވަނީ އެޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ޕީޑިއާރުއެމްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފައުޒީ އެވެ.

މެލޭޝިއާ ޕްރިމިއާ ލީގުގައި ޖުމްލަ ދެ ހެޓްރިކް ހެދި ދަނގަޑޭ ވަނީ، ޕީޑީއާރުއެމްއަށް ޖުމްލަ 18 ގޯލް ކާމިޔާބު ކޮށްދީފަ އެވެ.

މެލޭސީއާ ޕްރިމިއާ ލީގުގެ ތަށި ޕީޑީއާރުއެމް އަށް ކާމިޔާބު ވުމުން އެޓީމް ވަނީ މިހާރު މެލޭޝިއާ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ އެއް ލީގް ކަމަށްވާ "މެލޭޝިއާ ސުޕަލީގް" އަށް ދަތުރުކޮށްފަ އެވެ.

މެލޭޝިއާގެ ޕްރިމިއާލީގުގައި ޖުމްލަ 12 ޓީމް ވާދަކުރާ އިރު، ޕީޑީއާރުއެމްއާ އެކު ދަނގަޑޭ ހަދާ ފައިވާ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓް މިއަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެ އެވެ.