26 Jun 2014, 14:12
ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުވުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ފަށާފައިވާ ސްޓޫޑަންޓް އިންޓާންޝިޕް ޕްރޮގްރާމް، "ދަސްވަރު" ކަމުގެ ދަށުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިތުރު ދަރިވަރުންތަކަކަށް ފުރުސަތު ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ސްކޫލްތަކާއި އެސްޓީއޯ އާއި ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އެ އިންޓާންޝިޕްގެ ދަށުން މާލޭގެ ހަ ސްކޫލަކުން ޖުމްލަ 26 ކުއްޖަކު އެސްޓީއޯގެ ރީޓެއިލް ދާއިރާގައި މަސައްކަތްކުރާނެ އެވެ. ދަސްވަރުކަން ޕްރޮގްރާމްގެ ދަށުން ފަސް ދަރިވަރަކު މިހާރު ވެސް ދަނީ އެސްޓީއޯގެ އެއާކޯން އެންޑް ރިޕެއާގެ ދާއިރާގައި ތަމްރީން ހޯދަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އެކުދިންނަށް ކޮންމެވެސް ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން މިހާރު ފަށައިގެން ކުރިއަށްދާ "ދަސްވަރުކަން" ޕްރޮގްރާމްގެ ދަށުން މި އަހަރު 169 ދަރިވަރަކު މަސައްކަތުގެ މާހައުލަށް ހުނަރު ދަސްކުރުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަމިއްލަ 18 ކުންފުންޏަކުން ދަރިވަރުން މަސައްކަތުގެ މާހައުލަށް ނެރެދިނުމަށް ކުރާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ދަރިވަރުން ނެރުމަށް މިނިސްޓްރީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، މިހާރު ޕޮލިޓެކްނިކުން ކިޔެވުމުގެ ފުރުސަތު ލިބެމުންދަނީ 30 ވަރަކަށް ކުދިންނަށް ކަމަށާއި އެ އަދަދު މިއަންނަ އަހަރު އިތުރުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މާލޭގައާއި އަަތޮޅުތެރޭގައި ހުރި ޕޮލިޓެކްނިކްތަކުން ގާތްގަނޑަކަށް 1500 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.
ކިޔަވައިގެން ނުކުންނަ ކުދިންނަކީ ބާކީ ނުކޮށް މުޖުތަމައުއަށް ބޭނުންވާނެ ކުއްޖަކަށް ހެދުމަށް އެސްޓީއޯ އިން ވެސް މަސައްކަތްކުރަމުންދާ ކަމަށް އިޝާރާތްކުރައްވާ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ގިނަ އަދަދެއްގެ ވަޒީފާތައް އެސްޓީއޯގައި އިތުރު ކުރެވިގެންދާނެ ކަމަށެވެ.
އެގޮތުން މިހާރު އެސްޓީއޯގައި މަސައްކަތްކުރަމުންދާ ބިދޭސީ ލޭބަރުން ވެސް ދިވެހިންނަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެނިފައި މިއޮންނަ ތަނަކީ ދުނިޔޭގެ ގައުމުތަށް ކުރިއަރައިގެން މިދަނީ، އެގައުމެއްގެ ރައްޔިތުން އެގައުމެއްގެ މަސައްކަތްކުރީމާ. ޔޫރަޕްގެ ގައުމުތައް ވެސް އެގޮތަށް ކުރިއަށްދިޔައީ. އަޅުނގަޑުމެންގެ އަމާޒަކަށް ހިފާފައި މިއޮތީ މިގައުމު ތަރައްގީ ކުރަންވެގެން. ގައުމަށް ލިބޭ އާމްދަނީ ބޭރަށް ފޮނުވާލާކަށް ނޫން. ގައުމުގައި ހިފަހައްޓަންވެެގެން،" އާޒިމް ވިދާޅުވި އެވެ.