އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެސްއެމްއެސް އަދި އޮންލައިން މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ބީއެމްއެލް އާއި އުރީދޫގެ އިތުރުން ދިރާގު އާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ފިތުރު ޒަކާތް ބަލައިގަތުމާއި ލިބިގަތުމަށް ޓަކައި ނަން ނޯޓް ކުރުމާ ބެހޭ މައުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ ވިދާޅުވީ، ފިތުރު ޒަކާތް ބަލައިގަންނާނީ މި އަހަރު ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 01:00 އަށް ކަމަށެވެ. އަދި ފަގީރުންގެ ގޮތުގައި ނަން ނޯޓް ކުރުން ރަމަޟާން މަހުގެ ދެވަނަ ދުވަހުން އެ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން 01:00 އަށް ކުރިޔަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީގައި ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ވިލިމާލޭގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ކަމާ ބެހޭ އޮފީހުން ކަމަށް މުހައްމަދު ދީދީ ވިދާޅުވި އެވެ. އަދި އައްޑޫ އާއި އަތޮޅުތަކުގެ ކައުންސިލްގެ އިދާރާގެ އޮފީސްތަކުންނާއި ރަށްރަށުގައި ހުންނަ އެ ރަށްރަށުގެ ކައުންސިލްގެ އިދާރާ އިން ޒަކާތް ބަލައިގަންނާނެ ކަމަށް މުހައްމަދު ދީދީ ވިދާޅުވި އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު ހުސައިން ރަޝީދު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުގައި ބޭންކްގެ ހިދުމަތް ދެވެން ނެތުމުން ބޭންކްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފިތުރުޒަކާތް ދެއްކުމުގެ އިންތިޒާމު ބީއެމްއެލް އިން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިން ބަޓަންގެ ދަށުގައި ފިތުރު ޒަކާތް ދެއްކުމަށް އިންނަ ލިންކަކަށް ފިތާލުމުން ފިތުރު ޒަކާތް ދައްކާ ޕޭޖަށް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކްޓިވް އިމްޖާދު ޖަލީލް ވިދާޅުވީ ދިރާގުގެ ހުރިހާ ކަސްޓަމަރުން ވެސް *123# ޖެއްސަވާލެއްވުމަށް ފަހު މެނޫއިން 8 ނެގުމުން ޒަކާތް ދެއްކުމާ ބެހޭ ކަންކަން ހަމަޖެހިފައިވާ މެނޫ ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުން ޒަކާތް ދައްކަވަން ޖެހޭނީ ޕްރީޕެއިޑް ނަންބަރެއް ނަގައިގެން ކަމަށް އިންޖާދު ވިދާޅުވި އެވެ.

އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ *909# ޖައްސާފައި މެނޫ އިން 1 ޖެއްސެވުމުން އުރީދޫގެ ކަސްޓަމަރުންނަށް ޒަކާތް ދެއްކުމާ ބެހޭ ކަންކަން ހަމަޖެހިފައިވާ މެނޫ ފެނިގެންދާނެ ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުން 29 ޖޫން އިން ފެށިގެން 22 ޖުލައި އަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަކާތުގެ މިންވަރަކީ 2.4 ކިލޯ ހަނޑޫގެ މިންވަރު ކަމަށާއި ފައިސާ ބަލައިގަންނާނީ އެ މިންވަރަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި މާލޭ ސިޓީގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކާނީ އާދައިގެ ހަނޑޫ ބޭނުންކުރެއްވި ބޭފުޅުން ކަމުގައިވާ ނަމަ މީހަކަށް 10 ރުފިޔާ ކަމަށާއި ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 40 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 70 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ޒަކާތްނެރެން ޖެހެނީ އެ އަހަރުތެރޭ އެބަޔަކު އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތްތަކަށް ބަލައިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.