ވ. ރަކީދޫ ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި އެއް މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ނަގައިފި އެވެ.

ރަކީދޫ ކައުންސިލްގެ ރައީސް އަހުމަދު ސާމީ މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލާފައިވާ ކަމަށް ބެލެވެނީ މިދިޔަ ހަފްތާގެ ބަންދު ދެ ދުވަހުގެ ތެރޭގައި ކަމަށާއި އެކަން އެ ކައުންސިލަށް އެނގިފައި ވަނީ މިދިޔަ ހޯމް ދުވަހު ކަމަށެވެ.

"އެ ތިޖޫރީގައި ހުންނާނެ އެއް މިލިއަން ރުފިޔާ، މިހާރު އެތިޖޫރީގައި ފައިސާއެއް ނެތް،" ސާމީ ވިދާޅުވި އެވެ.

އެވައްކަން ކޮށްފައިވާ ގޮތުގެ ތަފްސީލް ހޯދުމަށް ސުވާލުކުރުމުން ސާމީ ވިދާޅުވީ ފުލުހުން އެ މައްސަލަ ތަހުގީގް ކުރަމުންދާތީ އެ މައްސަލާގައި ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

އެމައްސަލާގައި ފުލުހުން ބުނީ އެ މައްސަލަ އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.