26 Jun 2014, 12:53
އާޖެންޓީނާ ޓީމުގެ ކެޕްޓަން، އެންމެން ވެސް ދަންނަ ބާސެލޯނާގެ ހުރުވެރި ފޯވާޑް ލިއޮނެލް މެސީ އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްލެނެޓް ކަމަށް ވާ "ޖުޕިޓަރުން" އައިސް ހުރި ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށް ނައިޖީރިއާގެ ކޯޗު ސްޓެފަން ކެޝީ ބުނެފި އެވެ.
ކުރިން ނައިޖީރިއާގެ ގައުމީ ޓީމުގެ ޑިފެންޑަރު ސްޓެފަން މިހެން ބުނީ ވޯލްޑް ކަޕް ގްރޫޕް އެފްގައި އާޖެންޓީނާ އަތުން 2-3 ލަނޑުން ނައިޖީރިއާ ރޭ ބަލިވެ، ގްރޫޕްގެ އެއް ވަނަ ޓީމް އާޖެންޓީނާއާ އެކު ނައިޖީރިއާ ވެސް ދެ ވަނަ ބުރަށް ދަތުރި މެޗަށް ފަހު އެވެ.
އުމުރުން 52 އަހަރުގެ ސްޓެފަން ބުނީ، މުބާރާތުގައި އާޖެންޓީނާ ދައްކާ މޮޅު ކުޅުމާމު ހާއްސަ ސައުގު ވެރިކަމެއް ހުންނަ ކަމަށެވެ. އަދި ހުނަރުވެރި ފޯވާޑް މެސީ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށާއި ހީނުކުރާ ފަދަ ޖާދޫތަކެއް އޭނާގެ ފަރާތުން ރޭ ވެސް ފެނުނު ކަމަށެވެ.
"މެސީ އަކީ ޖުޕިޓަރުން އައިސް ހުރި މީހެއް. އާޖެންޓީނާ ކުޅުންތެރިނަކީ ވަރަށް މޮޅު ބައެއް. ހާއްސަކޮށް މެސީ މާ މޮޅު. އާޖެންޓީނާގެ ޓީމްވޯކް ވެސް ވަރަށް ރަނގަޅު." މީގެ ކުރިން ޓޯގޯގެ ގައުމީ ޓީމަށް ތިން ފަހަރެއްގެ މަތިން ކޯޗް ކަން ވެސް ކޮށްދިން ސްޓެފަން ބުންޏެވެ.
ރޭ ނައިޖީރިއާ ކޮޅަށް މެސީ ޖެހި ދެ ލަނޑާ އެކު އޭނަ ވަނީ މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. އެގޮތުން މިމުބާރާތުގައި މެސީ ވަނީ މިހާތަނަށް ކުޅުން ތިން މެޗުގައި ހަތަރު ގޯލް ޖަހާފަ އެވެ. އަދި މިމުބާރަތުގައި އާޖެންޓީނާ ކުޅުނު ތިން މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައި ވަނީ އުމުރުން 27 އަހަރުގެ މެސީ އެވެ. މެސީއާ އެކު މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ބްރެޒިލްގެ ތަރި ނޭމާވެސް ހިމެނެ އެވެ. އޭނަ ވެސް ވަނީ މިހާތަނަށް ޖުމްލަ ހަތަރު ގޯލް ބްރެޒިލްއަށް ކާމިޔަބު ކޮށްދީފަ އެވެ.
ބެރެޒިލްގެ އެސްޓާޑިއޯ ބެއިރާ ރާއޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ މެޗުން އާޖެންޓީނާ މޮޅުވެ ގްރޫޕްގް އެއް ވަނަ ޓީމުގެ ގޮތުގައި އޮތީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗް ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކު އެވެ. އަދި ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ ހަތަރު ޕޮއިންޓް ލިބިގެން ނައިޖީރިއާ އެވެ. މިދެޓީމް ވެސް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.