26 Jun 2014, 12:13
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސަގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފުރަމާނަ ޖާފަތެއް ދެއްވައިފި އެވެ.
މި ޖާފަތް އޮތީ މިރޭ ކުރުނބާ މޯލްޑިވްސްގައި ރޭގަ އެވެ. އެ ޖާފަތުގައި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ޤައުމީ ސަލާން ކުޅުނެވެ.
ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސްރީލަންކާ ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއި އެތާނގެ ޕާލަމެންޓުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.