26 Jun 2014, 11:51
ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގެ ގްރޫޕް ސީ އިން ފުލަށް ދިޔަ ޖަޕާން ޓީމުގެ ކޯޗް އިޓަލީގެ އަލްބާޓޯ ޒަކަރޮނީ މަގާމުން އިސްތިއުދާ ދީފި އެވެ.
ގްރޫޕް ސްޓޭޖްގައި ޖަޕާން ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ގްރީސްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރުވި މެޗުން ލިބުނު ހަމައެކަނި ޕޮއިންޓެވެ.
ދެހާސް ދިހަ ވަނަ އަހަރު ޖަޕާންގެ ކޯޗް ކަމާ ހަވާލުވި ޒަކަރޮނީ ބުނީ، މުބާރާތުން ޖަޕާން ކެޓުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއީ ޖަޕާނުގެ ކޯޗު ކަމުން އިސްތިއުފާ ދިނީ މުބާރާތުގައި ޓީމް ނެރުނު ދަށް ނަތީޖާގެ ސަަބުން ކަމަށެވެ.
"ޖަޕާނުން ނެރުނީ އުންމީދު ކުރި ނަތީޖާއެއް ނޫން. ޓީމް ކެޓުމުގެ ހުރިހާ ޒިންމާއެއް ނަގާނަން. އަހަރެންނާ ޓީމުގެ އެއްވެސް ކުޅުންތެރިއަކާާ މައްސަލައެއް ނުޖެހޭ އަދި ޖެހިފައި ވެސް ނޯންނާނެ." ކޯޗިން ކެރިއަރުގައި 30 އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އުމުރުން 60 އަހަރުގެ ޒަކަރޮނީ ބުންޏެވެ.
ޖަޕާނަށް 2010 ވަނައަހަރު އޭޝިއަން ކަޕް ކާމިޔާބު ކޮށްދިން ޒަކަރޮނީ ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކޯޗިން ކެރިއަރުގައި ހުރިމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން ކަމަށާއި އުމުރުން މިހާ ގިނަ ދުވަސް ވެފައި ހުރުމުން ބޮޑަށް ބެލެވެނީ ކޯޗިން ކެރިއަރު މުޅިން ހުއްޓާލަން ކަމަށެވެ.
އޭސީ މިލާނަށް 1999 ވަނަ އަހަރު އިޓަލީ ލީގް ހޯދައިދިން ޒަކަރޮނީ، އޭނަގެ ކޯޗިން ކެރިއަރުގައި އިޓަލީގެ ބޮޑެތި ހުރިހާ ކުލަބް ތަކަކަށްހެން ވަނީ ކޯޗް ކަން ކޮށްދީފަ އެވެ.