26 Jun 2014, 11:44
މިދިޔަ އަންގާރަ ދުވަހުގެ ރޭ އިޓަލީ އާއި އެކު ކުޅުނު މެޗުގައި އިޓަލީގެ ކުޅުންތެރިއެއްގެ ކޮނޑުގައި އުރުގުއޭގެ ލުއިސް ސުއަރޭޒް ދަތް އެޅި ކަމަށް ބުނެ މުޅި ދުނިޔެ އެ ވާހަކަ ދައްކަމުން ދަނިކޮށް، އުރުގުއޭ ޓީމުގެ ކުޅުންތެރީންނާއި ޓީމުގެ މެނޭޖްމެންޓާއި އެ ގައުމުގެ ފުޓުބޯޅަ ފޭނުން ސުއަރޭޒް ދިފާއުކޮށްފި އެވެ.
އިޓަލީ 0-1 އިން ބަލިކޮށް އުރުގުއޭ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ އިރު، ވޯލްޑްކަޕް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ ސުއަރޭޒްގެ މައްސަލަ ދެވަނަ ބުރުގެ މެޗުތައް ފެށުމުގެ ކުރީން، ވީ އެންމެ އަވަހަކަށް ނިންމަން ގޮވައިލައިފަ އެވެ.
"މިއަދު ނޫނީ މާދަން އަހަރެމެން އެބަ ޖެހޭ މި ކަމަށް ގޮތެއް ނިންމަން. އިންސާފު ލިބޭނެ ކަން ކަށަވަރުކޮށްދިނުމަކީ އަހަރެމެންގެ ޒިންމާއެއް." ފީފާގެ ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރު މާޓިން ހޮންގް އިއްޔެ ބުންޏެވެ.
ފީފާގެ ސްޕޯކްސްޕާސަން ޑެލާ ފިޝާ ބުނެފައިވާ ގޮތުގައި ޑިސިޕްލިނަރީ ކޮމެޓީގެ ބައްދަލުވުމެއް ރޭ ކުރިޔަށް ދިޔަ އެވެ. އުރުގުއޭގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ވިލްމާ ވަލްޑޭޒް އެސޯޝިއޭޓް ޕްރެސް އަށް ރޭ ދަންވަރު ބުނި ގޮތުގައި ޑިސިޕްލިނަރީ ކޮމެޓީގެ ބައްދަލުވުން މިއަދު ހެނދުނު ވެސް ކުރިޔަށް ދާނެ އެވެ.
ވަލްޑޭޒް ބުނީ ސުއަރޭޒް ދަތް އެޅި ކަމަށް ބުނާ ވީޑިއޯ ފީފާއިން އުރުގުއޭ ޓީމު އޮފިޝަލުންނަށް ފޮނުވާފައިވާ ކަމަށާއި އެއަށް ވަރަށް އަވަހަށް ޖަވާބުދޭނެ ކަމަށެވެ.
ވަލްޑޭޒް ބުނީ ސުއަރޭޒް ދަނޑުމައްޗަށް ވެއްޓުނު ގަޑީގައި އިޓަލީ ޓީމުގެ ކުޅުންތެރީން ދަނޑުމަތީގައި ސުއަރޭޒަށް މަލާމާތްކޮށް ހެދި ކަމަށެވެ. އޭގެ އިތުރުން އިޓަލީ ޓީމުގެ ބެންޗުން އެޓީމުގެ ސްޓާފުން ސުއަރޭޒް ގައިގައި ޖަހަން ވެސް އައި ކަމަށާއި އެހެން ކަމުން އިޓަލީ ޓީމުގެ އެ އަމަލުތައް ފީފާ އިން ތަހުގީގު ކުރަން ޖެހޭ ކަމަށް ވަލްޑޭޒް ބުންޏެވެ.
އުރުގުއޭ ފެޑެރޭޝަން މެންބަރު އަދި ސުއަރޭޒްގެ ލޯޔަރު އަލެޖަންޑްރޯ ބަލްބީ ވަނީ ސުއަރޭޒްގެ މައްސަލަ ޔޫރަޕްގެ މީޑިއާ ތަކުން ރިޕޯޓުކުރި ގޮތަށް ފާޑުކިޔައިފަ އެވެ.
"މިހެން ވާން ޖެހުނު މައިގަނޑު ސަބަބަކީ ސުއަރޭޒާ ދެކޮޅަށް އިޓަލީ އާއި އިންގްލެންޑުގެ މީޑިއާ އިން ހިންގި ކެމްޕޭން." އުރުގުއޭގެ ރޭޑިއޯ ސްޕޯޓް 890 އަށް ދިން އިންޓިވިއައުއެއްގައި ސުއަރޭޒްގެ ލޯޔަރު ބުނެފައިވެ އެވެ.