ތ. ތިމަރަފުށީ އެއާޕޯޓަށް އުދައަރަމުން ދާތީ މިއަދު ޖައްސަން އޮތް ފްލައިޓް ކެންސަލްކޮށްފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ އެއާޕޯޓަށް އުދައެރުމުން ރަންވޭ އިއްޔެ ސާފުކުރި ކަމަށާއި ނަމަވެސް އިރުއޮއްސުނު އިރުން ފެށިގެން ވެސް އެއާޕޯޓަށް އުދައެރުން ހުއްޓުމަކަށް ނާންނާތީ މިއަދުގެ ދަތުރުތައް ކެންސަލް ކުރީ ކަމަށެވެ.

ނަޝާތު ވިދާޅުވީ މިއަދު ޖައްސަން އޮތީ އެންމެ ފްލައިޓެއް ކަމަށާއި އެ ފްލައިޓް މިއަދު ކެންސަލްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ވެސް އުދައަރާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށާއި އިތުރަށް ދަތުރުތައް ކުރިއަށް ގެންދަން އެނގޭނީ މިރޭ އިރުއޮއްސުމަށް ފަހު ވެސް އެއާޕޯޓަށް އުދައަރާ ގޮތް ބެލުމަށް ފަހު ކަމަށެވެ.

"މިއީ ކުއްލިއަކަށް އަޅުގަނޑުމެންނަށް ހުއްޓުވޭނެ ކަމެއް ނޫން،" ނަޝާތު ވިދާޅުވި އެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝަރީފް މިއަދު ވިދާޅުވީ ވެއްޔާއި ގައު ގިނަ އަދަކަށް އެއާޕޯޓުގެ ރަންވޭ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި ކައުންސިލަރު ވިދާޅުވީ އުދައަރާފާނެ ކަމަށް ރައްޔިތުން ވެސް ރޭ ތައްޔާރަށް ތިބެން އިންޒާރު ދީފައިވާނެ ކަމަށެވެ.

އިންޖީނުގެ އަށް އުދައަރައިފާނެ ކަމަށް އެ ސަރަހައްދު ބަލަހައްޓަމުން ދަނިކޮށް ރޭ އުދައަރައިގެން އައީ އެއާޕޯޓާ ދިމާލުން ގެތަކާ ދިމާލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިން ރައްޔިތުންނަށް ތައްޔާރަށް ތިބެން އެނގުމުން ގެތަކަށް މާބޮދު ގެއްލުމެއްނުވެ ސަލާމަތްވި. އެކަމަކު އެއާޕޯޓުގެ ބޮޑުބަޔަކަށް ކުންޏާއި ވެއްޔާއި ގާ އެރި،" ކައުންސިލަރު ވިދާޅުވި އެވެ.

މެޓުން ބުނެފައި ވަނީ ހުޅަނގު މޫސުމުގެ މިދުވަސްވަރު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރަމުންދާނެ ކަމަށެވެ. އިއްޔެ ވަނީ ގދ. ފާރެސްމާތޮޑާ އާއި އެ އަތޮޅު ރަތަފަންދޫގެ އިތުރުން ތ. ގާދިއްފުށްޓަށް ވެސް އުދައަރާފަ އެވެ.