26 Jun 2014, 11:13
ރޯދަމަހަކީ އެއްމެންގެ މަހެވެ. އެމަސް އަނެއްކާވެސް އޭގެ އާދައިގެމަތީން އައިސް ބައްދަލު ކުރަނީ އެވެ. ހިނިތުންވުމާއި އުފާތަކާއިއެކުގަ އެވެ. ނަފާތަކާއި ލާބައާއި މަންފާ ހިފައިގެންނެވެ. ވަކިބަޔަކު ވަކިނުކޮށް އެއްމެންނާއިއެވެ. ކެރިގެން ކުރިމަތިލައި ބައްދަލުކުރާ ހުރިހާމީހުންނާއިއެވެ.
ފަގީރުން ރޯދަމަހަށް އިންތިޒާރުކުރަނީ ދީލަތިކަމުގެ އަހުލުވެރީންނާއި ހެޔޮކަމުގެ އަހުލުވެރިން އެމީހުންނަށް ދޭނެ ލާރިފޮއްޗަކަށް ނުވަތަ ކާނާ އަށް ޓަކަ އެވެ. މުއްސަނދިންކުރެ އެއްބަޔަކު މި އިންތިޒާރު ކުރަނީ އެމީހުންގެ ވިޔަފާރިތަކަށް އަންނާނެ ކުރިއެރުމުގެ ބޭނުމުގަ އެވެ. އޭގެ އަނެއްބަޔަކު އެމަހުގައި ކުރެވޭ ހޭދައިގެ ސަބަބުން ފަހުންލިބޭނެ ފޮނިނަތީޖާގެ އުންމީދުގައެވެ. ކުޑަކުދިން އެމަހުގެމަޖަލާއި އުފާތަކަށްޓަކައި ރޯދަ މަސްއާދޭތޯ ބަލަބަލާ ތިބޭއިރު ޒުވާނުންގެ މެދުގައި މިމަހަކީ އެއްމެ ޚާއްޞަ މަސް ކަމުގައި މިވަނީ މިހާރު ބެލެވިފަ އެވެ. ތަފާތު ކުޅިވަރުމުބާރާތްތަކާއި އިނާމުތައްލިބޭ އެކިވަކި އެތަކެއް ކަންކަމުގެ ސަބަބުން އެމީހުންގެ މެދުގައި ރޯދަމަސް މިވަނީ އެއްމެ ފާހަގަކޮށްލެވޭ އެއްމަހަށް ވެ ނިމިފަ އެވެ. ހެޔޮކަމުގެ އަހުލުވެރިން އުފަލާއި އެކު މިމައްސަރުގެ ހެޔޮކަން އޭގެ ފުރިހަމަ ގޮތުގައި ލިބިގަނެވޭތޯ ގަދައަޅައި މަސައްކަތް ކުރަން ތައްޔާރުތައް ވަމުން ގެންދަނީ އެވެ.
މިއުސޫލުން ބަލާއިރު ރޯދަމަހަކީ ހަމަ އެއްމެންގެ މަހެވެ. ވަކިން ޚާއްޞަކޮށް މީރުކޮށް ކާހިތްވާ މީހުން އެއްމެ ފޮނި އިންތިޒާރެއް ކުރާނީ ރޯދަމަހަށެވެ. އެކިރޭރޭ އެކިވަކި ރަހަތަކުން ރޯދަވީއްލަން ލިބޭވަގުތު ތަކަށެވެ. އެކިގޭގޭގަޔާއި އަދި ހޮޓާކެފޭ ރެސްޓުރާންޓްތަކުގައި ބައިވެރިންނާ އެކު މަޖާނެގުމުގައި ވެއަތުކޮށް ލެވޭ ގިނަ ވަގުތުތަކެއް ހިމެނޭ ކަމަށްޓަކައެވެ. ހަމައެއާ އެކު އަޅުކަމުގައި ﷲ ހަނދުމަކުރުމުގައި ޒިކުރުކުރުން މަތީގައި ދެމިތިބޭ މީހުން ނަށްވެސް ރޯދަމަހަކީ އެމީހުންގެ ފޮނި އިންތިޒާރެއްގެ އަމާޒަކަށްވެ އެވެ. މިސްކިތުގައި ގިނަ ވަގުތުތަކެއް ހޭދަކޮށް ޤުރުއާން ކިޔަވައި ދުޢާ ކުރުމުގައި ވެއަތުކުރުމުން އެލިބޭ ހިތްހަމަޖެހުމާއި ފަހަށް ރައްކާކުރެވޭ ބައިގެ މިންވަރުވަޒަން ކުރެވޭތީ އެވެ.
ކޮންމެއަކަސް ރޯދަމަހަކީ ހަމަ އެއްމެންގެ މަހެވެ. ވިޔަފާރިވެރިންނަށް ވެސް އަންނަ އީދެކެވެ. ދަނޑުވެރިންގެ އުފާތަކާއި ގުޅިފައިވާ ދުވަސްތަކެކެވެ. މަސްވެރިން އަތްމަތި އަވަސްކޮށްލައިގެން ޖީބުތައް ފުރާލަން ލިބޭ ފުރުސަތެކެވެ. މިހެންގޮސް ހަމަކޮންމެ ބަޔަކަށް ވެސް އެއްގޮތުން ނޫނިއްޔާ އަނެއްގޮތުން ރޯދަ މަހަކީ ހަމަ ފައިދާ ހުރި ފައިދާވާ ފައިދާ ހޯދޭ މަހަކަށް އޮންނަނީ ވެފަ އެވެ. ވީމާ މަފަހަރު ވެސް މިކުރިމަތިލެވޭ ފައިދާ ހުރި ދުވަސްތަކުގެ ފައިދާ އޭގެ އެދެވޭ ގޮތުގައި ހޯދައި ލިބިގަންނަން މިހާރުއްސުރެ ވިސްނައި ރާވާ އަޒުމުކޮށް ތައްޔާރުވުމަކީ ބުއްދިވެރިންގެ ގޮތަކަށްނޫނީ ނުވާނެއެވެ.
ހިނގާށެވެ. ހަނދާންނެތި ނުވަތަ ވިސްނާ ނުލެވި މިމައްސަރުގެ ތައްޔާރުތަކާއިގެން އުޅެވިފައި ނުވާނަމަ އަވަސް ކުރާށެވެ. ވިސްނައި ރާވާ އަޒުމުކޮށް ތައްޔާރުވަމާ ހިނގާށެވެ. ފިސާރި ގިނަ ފައިދާ ހޯދައި އަރާމާއި އުފަލާއި ހިތްހަމަޖެހުން ހޯދަމާ ހިނގާށެވެ. **