26 Jun 2014, 11:05
ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ, 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް މިއަދު ސަން އަށް ވިދާޅުވީ، އެ ރަށު ހުޅަނދު ދެކުނު ފަރާތަށް އިތުރުކުރި 45 ހެކްޓަރުގެ ބިމުގެ އަމަލީ މަސައްކަތް ނިންމާލާފައި ވަނީ އިއްޔެ މެންދުރު ކަމަށެވެ. މިހާރު ކުރިއަށް ދަނީ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 3000 މީހުން ދިރިއުޅޭ ކުޑަހުވަދު އަށް 64.7 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުގެ ހަރަދުގައި ފަށާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ޒަމީރު ވިދާޅުވީ، ރަށަށް އިތުރުކުރި ބިން ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ހައުސިން މިނިސްޓްރީ އާ ގުޅިގެން ހަދާ ހާއްސަ ލޭންޑް ޕްލޭނެއްގެ ދަށުން ކަމަށެވެ.
ޒަމީރު ވިދާޅުވީ، އެ ރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތަށް ހިއްކަން ބޭނުންވާ 62 ހެކްޓަރުގެ ބިން ހިއްކުމަށް ޑްރެޖަރު މިހާރު ރާވާފައިވާ ކަމަށާއި އަންނަ މަހުގެ 10 ނުވަތަ 15 ހިސާބުގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ކުޑަހުވަދޫގެ ދެކުނު ފަރާތުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަނީ ރިއަލޯ ކުންފުންޏާ ހަވާލުކޮށްގެންނެވެ.