26 Jun 2014, 10:55
ރޯދަ ފެށެން ކައިރިވެފައި ވަނިކޮށް މާލޭގެ ބާޒާރުގައި ފިޔައާއި އަލުތްވާއި އަދި ބިހުގެ އަގު ބޮޑުތަނުން އުފުލިއްޖެ އެވެ.
މިއަދު މާލޭ ބާޒާރުގެ އަގުތަކަށް ބަލާ އިރު 25 ކިލޯގެ ފިޔާ، ފިޔާ ބަސްތާއެއް ވިއްކަނީ 400 ރުފިޔާ އަށެވެ. އަދި ވަކި ކިލޯއެއް ވިއްކަނީ 15 ރުފިޔާ އަށެވެ.
އާންމުގޮތެއްގައި ބާޒާރުގައި ފިޔާ ބަސްތާއެއް ކުރިން ވިއްކާފައި ވަނީ 270 ރުފިޔާ އަށެވެ.
ބާޒާރު މަތީގައި ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު ބޮޑުވެފައި ވަނީ ރޯދަޔާއި ދިމާކޮށް އެތަކެތީގެ ޑިމާންޑް އިތުރުވެފައިވުމުން ކަމަށެވެ.
ބާޒާރުގައި ކުރިން 10 ރުފިޔާ އަށް ކިލޯ ވިއްކަން ހުރި އަލުވި ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާ އަރައިފަ އެވެ. އަދި އަލުވި ބަސްތާއެއް މިއަދު ވިއްކަން ހުރީ 260 ރުފިޔާ އަށެވެ.
ބާޒާރުގައި ބިސް ކޭހެއް ކުރިން 270 ރުފިޔާ އަށް ވިއްކި އިރު މިހާރު ބިސް ކޭހެއް ވިއްކަނީ 420 ރުފިޔާ އަށެވެ. ވަކިން ބިހެއް ވިއްކަނީ 2.50 ރުފިޔާ އަށެވެ.
ފިޔައި އަލުވި އަދި ބިހުގެ އަގުތައް ބާޒާރުގައި ބޮޑުވެފައިވާ އިރު އެސްޓީއޯ އިން ބުނެފައި ވަނީ އެ ބާވަތްތައް އެސްޓީއޯ އިން އެތެރެކޮށް އަގު ހެޔޮ ކުރާނެ ކަމަށެވެ. އަދި ރޯދަޔަށް ހާއްސަކޮށް އެސްޓީއޯ ގެނައި ސުޓޮކް ވިއްކެން ފެށޭނީ އަދި ދެ ދުވަހެއްގެ ތެރޭގައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.