1956 ވަނަ އަހަރު ސޫދާނަށް މިނިވަންކަން ލިބުނީއްސުރެ ވެއަތުވެދިޔަ ފަންސާހަކަށް އަހަރުގެ ތެރެއިން ގިނަ ދުވަސްތަކަކީ ދާޚިލީ ހަނގުރާމައިގެ އަލިފާނުގައި ޤައުމު އަނދަމުން ދިޔަ ދުވަސްތަކެވެ. މައްސަލަތައް ޙައްލުކޮށް، ޤައުމީ އެއްބައިވަންތަކަމާއި އިސްތިޤުލާލް ދެމެހެއްޓުމަށް އެތައް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނިކުމެފައެއް ނުވެއެވެ. ނަތީޖާއަކީ ސޫދާން ބައިބައިވެގެން ދިޔުމެވެ. މި ހިނގާ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ސޫދާނުގެ ދެކުނުގައި ބޭއްވޭ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސޫދާނުން ވަކިވެ، މިނިވަން ޤައުމެއްގެ ގޮތުގައި ދެކުނު ސޫދާން އާ ޙަޔާތެއް ފަށަން އާނބަސް ބުނެފިނަމަ ސޫދާން ދެބައިކޮށްލުމުގެ ނިންމުމުގައި ސިއްކަ ޖެހިގެން ދާނެއެވެ.


ސޫދާނަށް މިނިވަންކަން ލިބުނީއްސުރެ ޤައުމުގައި އެކި ފަހަރު މަތީން ހިނގާފައިވާ ދާޚިލީ ހަނގުރާމަތަކުގައި 2.5 މިލިއަން މީހުން މަރުވެފައި ވެއެވެ. އެންމެ ފަހުން ހިނގި ދާޚިލީ ހަނގުރާމަ 2005 ވަނަ އަހަރު ހުއްޓުނީ "ކޮންޕްރިހެންސިވް ޕީސް އެގްރީމަންޓް" ގެ ނަމުގައި އެކުލަވާލައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ އެއް ޝަރުތަކީ 2011 ވަނަ އަހަރު، ދެކުނު ސޫދާންގެ ރައްޔިތުންނަށް އެމީހުން ބޭނުންވަނީ ސޫދާނުގެ ބައެއްގެ ގޮތުގައި ތިބެންތޯ ނުވަތަ މިނިވަން ޤައުމެއް އުފެއްދުންތޯ ކަނޑައަޅަން ވޯޓެއް ލުމުގެ ފުރުސަތު ދިނުމެވެ. މި ވޯޓު ނަގަން ކައިރިވެ، ވޯޓަށް 4 މިލިއަނަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވާ އިރު، ހުރިހާ ދިރާސާތަކަކުން ދައްކަނީ ދެކުނުގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް މިނިވަންކަމުގެ ޚިޔާރަށް އާނއެކޭ ބުނާނެ ކަމުގައެވެ.


44 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސޫދާނަކީ އެފްރިކާގެ އެންމެ ބޮޑު ޤައުމެވެ. ޤުދުރަތީ ވަސީލަތްތަކާއި ދަނޑުވެރި ބިންތަކުގެ މުއްސަނދިކަން ލިބިފައިވާ ސޫދާނަށް ތަރައްޤީގެ މަގުގައި ފިޔަވަޅުތަކެއް އެޅިފައި ނުވަނީ ޤައުމުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ތަފާތު ނަސްލުތަކާއި ދީންތައް އޮންނަ އިރު، މި ތަފާތުތަކަކީ ޤައުމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ. ޤަބަލީ ތަޢައްޞުބާއި މައްސަލަތައްވެސް ޤައުމުގައި ނުހަނު ބޮޑެވެ. ޤައުމުގެ އުތުރުގައި ނަގާކިޔަނީ ހަމުގެ ކުލަ ކަޅު ޢަރަބީންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ. ދެކުނުގެ ގިނަ މީހުންނަކީ ނަސްލީ އެފްރިކާގެ އަހުލުވެރީންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކްރިސްޓިއަނުންނެވެ. ޤައުމަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަމުގެ ބާރުތަކާއި އިޤްތިޞާދީ ފުރުސަތުތައް ބޮޑަށް އޮތީ އުތުރުގެ އަހުލުވެރީންނަށެވެ. ޤައުމަށް އައިސްފައިވާނަމަ އައިސްފައިވާ ކުރިއެރުމެއްގެ އަސަރުތައްވެސް ފެންނަނީ ވެރިރަށް ޚަރްތޫމް ފަދަ އުތުރުގެ ސަރަޙައްދުތަކުންނެވެ. ދެކުނުގެ އާބާދީ މިއަދާ ހަމަޔަށްވެސް އޮތީ ދެވަނަ ދަރަޖައިގެ މަޤާމެއްގައެވެ. ވަޒީފާއާއި ތަޢުލީމުގެ އެދެވޭ ފުރުސަތުތަކެއް ހޯދަން ބޭނުން ނަމަ، ދެކުނުގެ ރައްޔިތުންވެސް ޖެހެނީ އުތުރުގެ ޝަހަރުތަކަށް ދާށެވެ. އެގޮތުން އުތުރުގެ ޝަހަރުތަކަށް އަންނަ އެފްރިކާ ނަސްލުގެ މީހުންނަށް އުތުރުގެ ޢަރަބި ބަހުން ވާހަކަ ދައްކާ މީހުންގެ ފަރާތުން ގިނަ ފަހަރު ކުރިމަތިލާން ޖެހެނީ އިމްތިޔާޒީ މުޢާމަލާތުކުރުންތަކާއެވެ.


ދެކުނުގެ މިނިވަންކަމުގެ އިރު ދޮންކުރަމުން ދާ އިރު، ދެކުނުގެ ހުރިހާ ދިމާއަކުންވެސް ފެންނަނީ މިނިވަންކަމަށް އެދި ދިއްލިފައިވާ އުއްމީދުގެ ހުޅުކޮޅުތަކެވެ. ރައްޔިތުންގެ އެކި ފެންވަރުގެ މީސްމީހުންގެ ދޫތަކުން އިވެނީ މިއޮތް ހުރިހާ ޒަމާންތަކުގައި އެމީހުންނަށް އުތުރުގެ އަހުލުވެރީންގެ ސަބަބުން ތަޙައްމަލުކުރަން ޖެހުނު ވޭންތަކާމެދު ކުރެވޭ ޝަކުވާތަކުގެ އަޑެވެ. އެފަދަ ޝަކުވާތަކެއް ކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ސަރުކާރުގެ ކެބިނެޓް މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި ދެކުނުގެ ބޭފުޅެއް ކަމުގައިވާ ގަލްވާކް ޑެންގެވެ. އޭނާއަކީ ރައީސް ޢުމަރު އަލްބަޝީރުގެ ގާތް އެކުވެރިއެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އުޅުއްވި ބޭފުޅެކެވެ. ނަމަވެސް މިހާރު އޭނާގެ ވާހަކަފުޅު ހުރީ މުޅީން އެހެން ރާގަކަށެވެ. "އަހަރެމެން އެއްކޮށް އުޅޭތާ ފަންސާހަކަށް އަހަރު ވެއްޖެ. ނަމަވެސް އަހަރެމެންނަކަށް އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރެއް ނުކުރެވުނު. ރައީސް ބަޝީރަކީ އަހަރެންގެ އަޚެއް. އަހަންނަކަށް ދުވަހަކުވެސް އޭނާޔާ ހަނގުރާމައެއް ނުކުރެވޭނެ. އޭނާއަކީ އަހަރެން ނުހަނު ލޯބިވާ ރަޙުމަތްތެރިއެއް. ނަމަވެސް ތެދުތެދަށް ބުނަންޏާ، އަހަންނަކަށް ބަޝީރުގެ ޢާއިލާއެއް ނޭނގެ. ބަޝީރަކަށް އަހަރެންގެ ޢާއިލާއެއް އެނގިވަޑައެއްނުގަންނަވާ. އެހެންވިއްޔާ މިއީ ކޮން ކަހަލަ އެކުވެރިކަމެއް؟" ގަލްވާކް ވިދާޅުވިއެވެ. އޭނާގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވެފައި ވެއެވެ. "އުތުރުގެ ބައެއް މީހުން، ސަރުކާރުގެ އިސްވެރީންވެސް، އަހަރެމެން ދެކުނުގެ މީހުންނާ މުޢާމަލާތުކުރަނީ އިންސާނުންނަށްވުރެ ދަށް ފަންތިއެއްގެ މަޚުލޫޤުންތަކަކާ މުޢާމަލާތުކުރާ ފަދައިން. އޭގެ ތެރެއިން ބައެއް މީހުން އަހަރެމެން ފެނިއްޖެނަމަ 'އަޢޫޛު ބިﷲ މިނައް ޝައިޠާނިއް ރަޖީމް' އެވެ ކިޔައި އުޅޭ. ދެކުނުގެ އެތައް ބަޔަކު ޚަރްތޫމް ފަދަ ޝަހަރުތަކުގައި ތިރީސް ސާޅީސް އަހަރު ވަންދެން އުޅެފައިވޭ. ނަމަވެސް އޭގެ ތެރެއިން  މީހަކަށް ސޫދާނީއެއްކަމުގެ އެއްވެސް އިޙުސާސެއް މިތާގައި އުޅެގެން ނުކުރެވޭ. އަހަރެމެންނާ މެދުގައި އަބަދުވެސް ބެލެވެނީ ބޭރުން އަރައި ތިބޭ ބައެއްގެ ގޮތުގައި." ވާހަކަ ނިންމަވައިލެއްވުމަށްފަހު ގަލްވާކް ހިމޭނުން އެތައް އިރަކު އިންނެވިއެވެ.


ގަލްވާކް ވިދާޅުވިފަދަ އެތައް ހާސް މީހުންނެއް ޚަރްތޫމާއި އެހެންވެސް ދެކުނުގެ އެކިއެކި ޝަހަރުތައް ދޫކޮށް މިހާރު ގެންދަނީ އެމީހުންގެ ވަޒަން ކަމުގައިވާ ދެކުނުގެ ސަރަޙައްދުތަކަށް ހިޖުރަކުރަމުންނެވެ. އެއިން ކޮންމެ މީހެއްގެވެސް އުއްމީދަކީ ދެކުނުގެ މިނިވަންކަމާއެކު މުޅީން އާ ދިރިއުޅުމެއް ފެށުމެވެ. އުފާވެރި، ތަނަވަސް، އަދި އަމާން ދިރިއުޅުމެއް ފެށުމެވެ. ނަމަވެސް ތަފާސް ހިސާބުތަކާއި ތާރީޚަށް ނަޒަރު ހިންގައިލުމުން މި އުއްމީދު ޙަޤީޤަތަކަށް ވެދާނެ ބާވައޭ މި ސުވާލު އުފެދެއެވެ.


ދެކުނު ސޫދާނާ ބެހޭގޮތުން އދ. އިން ހަދާފައިވާ ދިރާސާތައް ހާމަކުރަމުން އެ ޖަމްޢިއްޔާގެ ރިޕޯޓުގައި ބުނެފައިވަނީ ހޯދުނު ހޯދުންތަކުގެ ސަބަބުން "ބިރުގަންނަން ޖެހޭ" ކަމުގައެވެ. މި ހިސާބުތަކުގައި ބުނެފައިވާ ގޮތުން ދެކުނު ސޫދާނަކީ މުޅި ދުނިޔޭގައިވެސް ލިޔަން ކިޔަން ނުދަތުމާއި ތަޢުލީމީ ނިޒާމެއް ނެތުމުގެ މައްސަލަ އެންމެ ބޮޑު އެއް ސަރަޙައްދެވެ. ޚާއްސަކޮށް އެ ސަރަޙައްދުގައި އަންހެނުންނަށް ތަޢުލީމީ ފުރުސަތުތައް އޮތްލެއް ކުޑަކަން ފާހަގަކޮށްލަން ޖެހެއެވެ. ދެކުނުގެ އަންހެނުންގެ ތެރެއިން 92 އިން ސައްތަ މީހުންނަކީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ. ޞިއްޙީ ޙާލަތުވެސް އޮތީ މިފަދަ ގޮތެއްގައެވެ. ވިހާ ކޮންމެ ހަތް ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު ޢުމުރުން ފަސް އަހަރުވުމުގެ ކުރީން މަރުވެއެވެ. މާބަނޑުވާ ކޮންމެ ހަތް އަންހެނެއްގެ ތެރެއިން އެކަކު ވިހެއުމުގެ ތެރޭގައި މަރުވެއެވެ.


 


ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ ކަންތައްތައް މި ދަރަޖައިގައި ހުރި އިރު، ޚުދު ދެކުނުގައިވެސް އެތައް ޤަބީލާއެއް އުޅެއެވެ. އަދި އުތުރުގެ ޢަރަބީންނާ ދެކޮޅަށް މި ޤަބީލާތައް އެކައްޗެއް ކިޔައިގެން ތިބި ކަމުގައި ވިޔަސް، މިނިވަންކަން ލިބޭ ވަގުތުން ފެށިގެން މީގެ ތެރެއިން ކޮންމެ ބަޔަކުވެސް ވެރިކަމާއި ބާރުގެ ގޮނޑިތަކަށް ފައިނަގައި، އޭގެ ނަތީޖާއެއްގެ ގޮތުން ކުރިޔަށްވުރެ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ނުފެށޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އަދިއެއް ނެތެވެ. މިހާރު ހަމަޖެހިފައިއޮތް ގޮތުން ދެކުނުގެ ރައްޔިތުން މިނިވަންކަމަށް އާނއެކޭ ބުނެފިނަމަ، ވަގުތީ ގޮތުން ދެކުނުގެ ރައީސެއްގެ ގޮތުން އެންމެހައި ބާރުތަކާ ޙަވާލުވެވަޑައިގަންނަވާނީ ސަލްވާ ކީރެވެ. ނަމަވެސް އޭނާއަށް އެންމެ ފުރަތަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ މި ދެންނެވިފަދަ މައްސަލަތަކުގެ ބޮޑު ފުނިވަރަކާއެވެ. އޭނާއަކީ ދެކުނުގެ އެންމެ ބައިބޯ، އަދި އެންމެ ވަރުގަދަ ޤަބީލާ ކަމުގައިވާ ޑިންކާ ޤަބީލާގެ ބޭފުޅެކެވެ. އެހެންކަމުން އޭނާއަށް އޭނާގެ ޤަބީލާގެ ތާއީދު އެބައޮތެވެ. ނަމަވެސް އެހެނިހެން ޤަބީލާތަކުން އޭނާގެ ވެރިކަން ޤަބޫލުކޮށް، ތަރައްޤީއާއެކު އަމާންކަމުގެ އައްސޭރިއަކަށް ދެކުނު ސޫދާން ގެންދަން އޭނާއަށް އެހީތެރިވާނެތޯ، ނުވަތަ ޑިންކާ ޤަބީލާގެ ނުފޫޒުގެ ދަށުގައި އުޅެން އިންކާރުކޮށް ހަތިޔާރުގައި ހިފާފާނެތޯ މިއީވެސް އުފެދޭ ސުވާލުތަކެވެ. ހަމައެއާއެކު، ދެކުނުން މިނިވަންކަމުގެ ލަގަނުގައި ހިފަން އުޅެފިނަމަ، އުތުރުގެ އަހުލުވެރީންގެ ރައްދު އަންނާނީ ކިހިނެއްތޯ މިއީވެސް ވިސްނަން ޖެހޭ ނުކުތާއެކެވެ. ކޮމްޕްރިހެންސިވް ޕީސް އެގްރީމެންޓް ފަދަ އެތަކެއް އެއްބަސްވުންތަކެއް އެފްރިކާގެ ޤައުމުތަކުގެ ތާރީޚުގައި ހެދި، ކުނިވަށިގަނޑަށް އެޅިފައި ވެއެވެ.


 


މި ވަގުތަށް ގާތްގަނޑަކަށް ޔަޤީން ކަމަކީ ދެކުނުގެ ރައްޔިތުން މިނިވަންކަމަށް އާނއެކޭ ބުނާނެކަމެވެ. އޭގެފަހުން ދެން ކަންތައްތައް ވެގެން ދާނީ ކިހިނެއް ބާވައޭ މި ސުވާލާ މެދު ވިސްނައިލުމުން ހިތުގައި އުފެދެނީ ހާސްކަމެވެ. އެފްރިކާގެ އިންސާނީ މުސީބާތްތަކާއި ހަނގުރާމަޔާއި ލޭއޮހޮރުވުމުގެ ނިމުމެއް ނެތް ސިލްސިލާއަށް އަނެއްކާވެސް މުހިއްމު ބޮޅެއް އިތުރުވެގެން ދަނީއޭ ހީވެ އުފެދޭ ހާސްކަމެވެ.