ގއ. މާމެންދޫ ސްލިޕްވޭ އޮފީހުގެ ތިޖޫރީ ވަގަށްނަގައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އަޒީޒް މިއަދު ވިދާޅުވީ ވަގަށް ނެގި ތިޖޫރީގައި ގާތްގަނޑަކަށް 10،000 ވަރަކަށް ރުފިޔާ ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ސްލިޕްވޭ އޮފީހުގެ ޓިނު ބިއްގަނޑު ނައްޓުވައިގެން ވަދެ އެ ވައްކަން ކޮށްފައި ވަނީ ރޭ 3:00 ގެ ފަހުން ކަމަށެވެ.

"ދެ ބުރިއަށް ޑެގު އަޅައިގެން ހަދާފައި ހުރި ތަނެއް އެއީ. މަތީގައި ނިދާނީ އެތަނުގެ ސްޓާފުން. ވޯލްޑް ކަޕް ދުވަސް ކޮޅުވީމާ މެޗު ބަލާފައި އެމީހުން ނިދީ ވަރަށް ދަންވިފަހުން. އެވަގުތު ވައްކަން ކޮށްފައި ވަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ދޯނި ފަހަރު ބަނުމާއި އެހެލާ އަދި ދޯނިފަހަރު މަރާމާތު ކުރުމުގެ ކަންކަން ކުރާ އެރަށު ސްލިޕްވޭ އޮފީހުން ވަގަށް ނެގި ތިޖޫރީ ފެނިފައި ވަނީ ހަލާކުކޮށްލުމަށް ފަހު އެރަށު ގޮނޑުދޮށުގައި ވަޅުލާފައި އޮއްވައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

"ސްލިޕްވޭގައި ބޭނުންކުރާ ބޮޑު ގްރޭންޑަރެއް ބޭނުންކޮށްގެން ތިޖޫރީ ހަލާކުކޮށްލާފައި އޮތީ. ގްރޭންޑަރާއެއްކޮށް ވަޅުލަފައި އޮތީ. ފައިސާތައް ނަގާފައި،" ކައުންސިލަރު ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކައުންސިލަރު ވިދާޅުވީ ފަހަކަށް އައިސް އެރަށުގައި ވައްކަމާއި މާރާމާރީ އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ފުލުހުންނަށް ހުށަހަޅާ އެކަމަށް ހައްލެ ހޯދައިދިނުމަށް އެދިފައިވާނެ ކަމަށެވެ.