26 Jun 2014, 10:09
ބަޣްދާދު (ޖޫން 26): އިރާގުގައި މިހާރު އުފައްދާފައިވާ ސަރުކާރުގެ ބަދަލުގައި އެހެން ސަރުކާރެއް އުފެއްދުމަކީ އިރާގުގައި ގާއިމްކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުން ކަމަށް ވިދާޅުވެ އިރާގުގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުޅަނގުން ގޮވާލާ ގޮވާލުންތަކަށް އެގައުމުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ދެކޮޅު ހައްދަވައިފި އެވެ.
ބަޣްދާދުގައި ދެއްވި ބަޔާނެއްގައި މާލިކީ ވިދާޅުވީ އިރާގުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަކީ ޑިމޮކްރެޓިކް އުސޫލާ ޚިލާފުވުމުގެ އިތުރުން އެއީ އިރާގުގެ ދަސްތޫރާ ވެސް މުޅިން ޚިލާފު ކަމެއް ކަމުގަ އެވެ. އިރާގުގައި މިހާރު އުފައްދާފައިވާ ޝިޔައީންގެ ސަރުކާރުގެ ބަދަލުގައި ސުންނީންނާ ވެސް ގުޅިގެން ފުޅާ ދާއިރާއެއްގެ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ގޮވާލައި އިރާގުގެ ލީޑަރުންނަށް ނަސީހަތްތެރިވަމުން ގެންދަނީ މައިގަނޑު ގޮތެއްގައި އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުންނެވެ.
މިފަދަ ސަރުކާރެއް އިރާގުގައި އުފެއްދުމުގެ ބޭނުމަކީ އެގައުމުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް ހަނގުރާމަކުރާ ހަތިޔާރުއެޅި ސުންނީ ޖަމާއަތްތައް މައިތިރި ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ވިދާޅުވެފަ އެވެ. މިހަފްތާގެ ކުރީކޮޅު އިރާގަށް ވަޑައިގެން ބޮޑުވަޒީރު ނޫރީއަލް މާލިކީއާ އެގައުމުގެ އެހެން ބައެއް ލީޑަރުންނާ މަޝްވަރާކުރެއްވުމަށް ފަހު ކެރީ ވިދާޅުވީ އިރާގަށް މިހާރު ކުރިމަތިވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ގަދަވުމާއި ހަނގުރާމަވެރިންގެ އަތްދަށަށް ބަޣްދާދުގޮސް އިރާގުގެ ދައުލަތް ރޫޅިގެން ދިޔުމުގެ ނުރައްކަލުން ސަލާމަތްވެވޭނީ އިރާގުގެ ސުންނީންނާއި ޝިޔަޢީންގެ މެދުގައިވާ ބައިބައިވުންތައް ކުޑަކޮށްގެން ކަމުގަ އެވެ.
މިކަމަށްޓަކައި އިރާގުގެ ސިޔާސީ ހުރިހާ ފަރާތްތަކެއް ގުޅިގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ މުހިއްމުކަން ބޮޑުވަޒީރު ނޫރީއަލް މާލިކީއަށާއި އިރާގުގެ އެހެން ލީޑަރުންނަށް ވިސްނައި ދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ކެރީ ވިދާޅުވެފައިވެ އެވެ. އިރާގުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރާ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" ނުވަތަ (ދާޢިޝް)ގެ ހަނގުރާމަވެރިން ދާދިފަހުން ވަނީ އިރާގުގެ އުތުރުގެ ބޮޑެތި ރަށްތަކުން އިރާގު ސިފައިން ބޭރުކޮށް އެރަށްތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. އަދި މިހަފްތާގެ ކުރީކޮޅު ދާޢިޝްގެ ހަނގުރާމަވެރިން ވަނީ އިރާގާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ހުރިހާ ރަށްތަކާއި ވިލެޖްތަކެއް ހިފައި އެސަރަހައްދު ވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އިރާގާއި އުރުދުންގެ ސަރަހައްދީ ރޮނގުގެ ބޮޑުބައެއް ވެސް ދާޢިޝްގެ ހަނގުރާމަވެރިންގެ އަތްދަށަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
"ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" ނުވަތަ "ދާޢިޝް" ޖަމާއަތަކީ އިރާގުގެ ކުރީގެ ރައީސް، ސައްދާމް ޙުސައިންގެ ބަޢްޘު ޕާޓީއަށް ނިސްބަތްވާ އިލްމާނީ ފިކުރުގެ މީހުންނާއި އިރާގުގެ ކުރީގެ ސިފައިންނާއި އަލްގާއިދާ އަށް ނިސްބަތްވާ ޒުވާނުންނާއި އިރާގުގެ ސަލަފީ ޖަމާއަތްތައް ވެސް ގުޅިގެން އިރާގާއި ސޫރިޔާ ހިމެނޭގޮތަށް އިސްލާމީ ޚިލާފަތެއް އުފެއްދުމުގެ ނަމުގައި ހަނގުރާމަކުރަމުން ގެންދާ ހަރުކަށި ޖަމާއަތެކެވެ. އެޖަމާއަތުން ވަނީ އެތައް އަހަރެއްވަންދެން އިރާގުގައި ބޮންގޮއްވުމާއި މީހުން މެރުމުގެ ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގައި އެކަމުގެ ޒިންމާ ވެސް އުފުލާފަ އެވެ.
ދާޢިޝް އިން ދާދިފަހުން ވަނީ އިރާގުގެ ވެރިރަށް ބަޣްދާދު ހިފައި ބޮޑުވަޒީރު ނޫރީއަލްމާލިކީގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. ދާޢިޝްގެ ހަނގުރާމަވެރިންގެ ކުރިމަތީގައި އިރާގު ސިފައިންގެ ލަޝްކަރުތައް ބަލިކަށިވެ ރޫޅެމުންދާތީ އިރާގު ސަރުކާރުގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކަށާއި އެމެރިކާ އަށާއި ވިލާތުގެ ބޮޑެތި ބާރުތަކަށް ވެސް ވަނީ ސިހުން ލިބިފަ އެވެ. މިއާއެކު ދާޢިޝްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ޓަކައި އިރާގު ސިފައިންނަށް އެހީތެރިވުމުގެ ގޮތުން އިރާގަށް ފޮނުވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ނިންމަވާފައިވާ 300 އަސްކަރީ ތަޖްރިބާކާރުންގެ ތެރެއިން 150 މީހުން އިއްޔެ އިރާގަށް ވަނީ ގޮސްފަ އެވެ.
އަނެއްކޮޅުން އިރާގުގެ މިހާރުގެ ހާލަތާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ނޭޓޯގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އިއްޔެ ވަނީ ބްރަސަލްގައި ޚާއްސަ ބައްދަލުވުމެއް ބާއްވާފަ އެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ އިރާގަށް ކުރިމަތިވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކަލާއި އިރާގުގެ މިހާރުގެ ހާލަތާބެހޭ މައުލޫމާތު ނޭޓޯގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ހިއްސާ ކުރައްވާފަ އެވެ. (ރޮއިޓާސް)