ބްރަސަލްސް (ޖޫން 26): ނޭޓޯގެ މެންބަރުކަން ހޯދުމަށް އެދި ހުށަހަޅާފައިވާ ޖޯޖިޔާ އާއި މޮންޓިނެގްރޯ އަށް މެންބަރުކަން ދިނުމަށް ނޭޓޯގެ ގިނަ ގައުމުތައް ތާއީދު ނުކުރާ ކަމަށް އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވިދާޅުވެއްޖެ އެވެ.

ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަސްމޯސަން ވިދާޅުވީ އިރުމަތީ ޔޫރަޕްގެ ދެގައުުމު ކަމަށްވާ ޖޯޖިޔާ އާއި މޮންޓިނެގްރޯ ނޭޓޯގައި ބައިވެރިކުރުމުގެ މައްސަލާގައި ނޭޓޯގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ވަރަށް ބޮޑުކަމުގަ އެވެ. އެހެންކަމުން އަންނަ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުން މިމައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ނުބެލެވޭކަމަށް ރަސްމޯސަން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިރުމަތީ ޔޫރަޕްގެ އިތުރު ގައުތައް ނޭޓޯގައި ބައިވެރި ކުރުމަށް އެ ޖަމާއަތުގެ ގިނަ ލީޑަރުން ފަސްޖެހެނީ ރަޝިޔާގެ ދެކޮޅު ހެދުންތަކުގެ ސަބަބުންނެވެ. އިރުމަތީ ޔޫރަޕްގެ ގައުމުތައް ނޭޓޯގައި ބައިވެރި ކުރުމަކީ ރަޝިޔާގެ ގައުމީ މަސްލަހަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ރަޝިޔާ އިން ދެކެ އެވެ. ރަޝިޔާ ދެކޭގޮތުގައި އެގައުމުގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ސަރަހައްދަކީ އެގައުމުގެ ޖިޔޮސްޓްރެޓީޖިކް ސަރަހައްދެކެވެ.

ނޭޓޯގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވާ ޖޯޖިޔާއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު ގައުމެކެވެ. މޮންޓިނެގްރޯއަކީީ ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިޙާދު ރޫޅިގެންދިޔު ގުޅިގެން އުފެދިގެން ދިޔަ ގައުމެކެވެ. (ރޮއިޓާސް)