26 Jun 2014, 10:02
ފްރާންސް ޓީމް ބްރެޒިލްއަށް ކުރި ދަތުރަކީ ވަކި މަގްސަދެއް ހާސިލް ކުރުމަށް ކުރި ދަތުރެއް ކަމަށާއި އެމަގްސަދު ހާސިލް ވާނީ މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދުމުން ކަމަށް އެޓީމުގެ ކޯޗް ޑިޑާއާ ޑިޝެމްޕްސް ބުނެފި އެވެ.
ބްރެޒިލްގެ އެސްޓާޑިއޯ ޑޮ މަރަކާނާ ސްޓޭޑިއަމްގައި ފްރާންސްއާ ދެކޮޅަށް އިކުއެޑޯ ރޭ ކުޅުނު މެޗަށް ފަހު ކޯޗް ޑިޝެމްޕްސް ބުނީ ގްރޫޕް ސްޓޭޖްގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ، ގްރޫޕްގެ ފަހު މެޗުގައި އިކުއެޑޯ އަތުން ތިން ޕޮއިންޓް ނުލިބުނު ނަމަވެސް، ޓީމް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އިކުއެޑޯ އަކީ ގްރޫޕްގައި ފްރާންސް ކުޅުނު ޓީމް ތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމް ކަމަށް ޑިޝެމްޕްސް ބުންޏެވެ.
ރޭ އިކުއެޑޯއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއް ވަރު ވެގެންނެވެ. ނަމަވެސް މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ފްރާންސް ވަނީ މުބާރާތުގެ 16 އިން ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާ އެކު ޖާގައެއް ކަށަވަރު ކޮށްފައެވެ.
ވޯލްޑް ކަޕް 1998 ވަނަ އަހަރު ފްރާސްއިން ކާމިޔަބު ކުރިއިރު އެޓީމުގެ ކެޕްޓަންކަން ކުރި ޑިޝެމްޕްސް ބުނީ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކުރި ނަމަވެސް ފްރާންސްގެ މަގްސަދު ހާސިލް އަދި ނުވާ ކަމަށެވެ. އެ މަގްސަދު ހާސިލް ވާން އޮތީ ގްރޫޕް ސްޓޭޖްގައި ޓީމުން ދެއްކި ކުޅުމަށްވުރެ، އިތުރު ވަރުގަދަ ކުޅުމެއް ދެ ވަނަ ބުރުގައި ދައްކައިގެން ކަމަށް ކޯޗް ޑިޝެމްޕްސް ބުންޏެވެ.
"އަހަރުމެން މިދަނީ ރަނގަޅަށް. އަހަރުމެން ބްރެޒިލްއަށް ކުރި ދަތުރުގެ އަސްލު މަގްސަދު ހާސިލް ވާނީ އެނބުރި ގައުމަށް ދާއިރު ތަށި ހިފައިގެން ދިއުމުން. އަދި މިފާސްވީ ފުރަތަމަ ޓެސްޓުން. ދެން އޮތީ ބޮޑެތި ޓެސްޓުތައް. އެއިން ކޮންމެ ޓެސްޓަކާ ކުރިމަތިލާން ޖެހޭނީ ކާމިޔާބު ހޯދަން. ފްރާންސް ޓީމުގައި ތިބީ ކާމިޔާބު ހޯދޭ ވަރުގެ މޮޅެތި ކުޅުންތެރިން" ކޯޗް ޑިޝެމްްޕްސް ބުންޏެވެ.
ދެހާސް ބާރަ ވަނަ އަހަރު ފްރާންސްގެ ގައުމީ ޓީމުގެ ކޯޗް ކަމާ ހަވާލުވި ޑިޝެމްޕްސް ބުނީ ދެ ވަނަ ބުރުގައި ފްރާންސްއާ ދެކޮޅަށް ނުކުންނަ ނައިޖީރިއާ ޓީމަކީ ރޭވުންތެރި ޓީމެއް ކަމަށާއި އެޓީމް އަތުން ކާމިޔާބު ހޯދޭނެ ކަމަށެވެ.
ދެ ވަނަ ބުރުގައި ފްރާންސާ ދެކޮޅަށް ނައިޖީރިއާ ބައްދަކުރާ މެޗް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ބްރެޒިލްގެ ވެރިރަށް ބްރަސީލިއާގެ އެސްޓާޑިއޯ ނެޝިއޮނާލް ސްޓޭޑިއަމްގަ އެވެ.