26 Jun 2014, 09:48
ޓްރިޕޮލީ (ޖޫން 26): ލީބިޔާގައި އައު ޕާލަމެންޓެއް އިންތިޚާބު ކުރުމަށް އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި ބައިވެރިވެފައިވަނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ވެސް މަދު އަދަދެއްގެ މީހުން ކަމަށް އެގައުމުގެ އިންތިޚާބު ތަކާބެހޭ ކޮމިޝަނުން ހާމަކޮށްފި އެވެ.
ލީބިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ދޮޅު މިލިޔަން ރައްޔިތުން ތިބި އިރު އޭގެ ތެރެއިން ވޯޓުލާފައި ވަނީ އެންމެ ހަތަރު ލައްކަ މީހުން ކަމަށާ މިއީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ވެސް މަދުއަދަދެއް ކަމުގަ އެވެ. ލީބިޔާގައި އިއްޔެ ކުރިޔަށްދިޔަ އާންމު އިންތިޚާބުގައި ވޯޓު ލުމަށް ގިނަ ބަޔަކު ނުކުމެފައި ނުވަނީ ލީބިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގަދަވެ އެގައުމުގެ ރަށްތަކާއި ވިލެޖްތަކުގައި އަމަން އަމާންކަން ނެތުމުގެ ސަބަބުން ކަމަށް ބޭރުގެ މުރާސިލުން ބުނާ އިރު ލީބިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވެސް ވަނީ އެކަން މިގޮތަށް ލަފާކޮށްފަ އެވެ.
ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލައި އޭނާ އަވަހާރަ ކޮށްލުމަށްފަހު ލީބިޔާ ވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތަޅާފޮޅުންތަކާއި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ވެއްޓިފަ އެވެ. ލީބިޔާއަކީ އިރާގާއި ސޫރިޔާއާ ޚިލާފަށް ނަސްލީ އަދި މަޛްހަބީ ތަފާތުތައްނެތް ގައުމެއް ނަމަވެސް ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތްތައް ވެސް ގެންދަނީ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު ކުރިޔަށް ނެރެ އެއްބަޔަކު އަނެއްބަޔާ ތަޅާފޮޅައި ހަނގުރާމަ ކުރަމުންނެވެ.
ލީބިޔާގައި ތަޅާފޮޅައި ހަނގުރާމަ ކުރަމުން މިހާރު ގެންދަނީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ޓަކައި އޭނާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެކަތި ގަނޑަކަށްވެގެން ހަނގުރާމަ ކުރަމުން ގެންދިޔަ އިޚްވާނުލްމުސްލިމޫންގެ ފިކުރުގެ ޖަމާއަތްތަކާއި ސަލަފީ ފިކުރުގެ ސުންނީ ޖަމާއަތްތަކުންނެވެ. މިޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ތަޅާފޮޅުންތައް ބޮޑުވުމާ އެކު ގައްޒާފީއާ ދެކޮޅަށް ހަނގުރާމަކުރި ސުންނީ އިލްމާނީ ފިކުރުގެ ހަތިޔާރުއެޅި ޖަމާއަތެއް ވެސް މިހާރުވަނީ މިހަނގުރާމައިގެ ތެރެއަށްވަދެ އިޚްވާނުންނާއި ސަލަފީ ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ އިއްލާން ކޮށްފަ އެވެ.
ލީބިޔާގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގަދަވުމުގެ ސަބަބުން ފުޅާދާއިރާއެއްގައި ދާޚިލީ ހަނގުރާމައެއް އުފެދިދާނެތީ އެކަމުން ލީބިޔާ ސަލާމަތް ކުރުމަށްޓަކައި އައު ޕާލަމެންޓެއް އިންތިޚާބު ކުރުން މުހިއްމު ކަމަށް އެގައުމުގެ ލީޑަރުން ދެކެ އެވެ. ނަމަވެސް ލީބިޔާ އަށް ކުރިމަތިވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލަ ހައްލުކުރުމުގައި އައު ޕާލަމެންޓަށް ކުރެވޭނެ މާބޮޑުކަމެއްނެތް ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)