26 Jun 2014, 09:39
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގެ ފަހު މެޗުގައި ރޭ ސްވިޒަލޭންޑް އަތުން ބަލިވެ މުބާރާތުން ކެޓުމުން ހޮންޑިއުރަސްގެ ކޯޗް ލުއިސް ފެނާންޑޯ ސުއަރޭޒް މަގާމުން އިސްތިއުފާ ދީފިއެވެ.
ބްރެޒިލްގެ އެރީނާ އެމަޒޯނިއާގައި ރޭ ހޮންޑިއުރަސް ބަލިވީ ސްވިޒަލެންޑް އަތުން 3-0 ލަނޑުންނެވެ.
ކޯޗް ސުއަރޭޒް މަގާމުން އިސްތިއުފާ ދިނުމަށްފަހު އިނގިރޭސި ބައެއް މީޑިއާތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، ހޮންޑިއުރަސްގެ ކޯޗް ކަމުގެ މަގާމުން ވަކިވީ ޓީމުގެ އެއްވެސް ކުޅުންތެރިއަކާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. އަދި އިސްތިއުފާ ދިނީ ގިނަ ބައެއްގެ އެދުމުގެ މަތީން އަދި ހޮންޑިއުރަސްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިސްވެރިންގެ ވެސް ލަފާގެ މަތިން ކަމަށެވެ.
"މިއީ އިސްތިއުފާދޭން އެންމެ މުނާސަބު ވަގުތު. އަހަރެން އިސްތިއުފާ ދީފިން. މިހާރު އެކަން ހޮންޑިއުރަސްގެ ފުޓްބޯޅައާ ބެހޭ އިދާރާއަށް ވާނީ އަންގާފައި" ޝުއަރޭޒް ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހޮންޑިއުރަސް ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.