ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ ފަހު މެޗުގައި ފްރާންސް މޮޅުވިޔަ ނުދީ ހިފެހެއްޓި ނަމަވެސް އިކުއެޑޯއަށް ވޯލްޑް ކަޕް ނިންމާލަން ޖެހި، މުބާރާތުން ކެޓި ދެކުނު އެމެރިކާގެ ފުރަތަމަ ޓީމަކަށް އިކުއެޑޯ ވެއްޖެ އެވެ.

ބްރެޒިލްގެ އެސްޓާޑިއޯ ޑޮ މެރަކާނާ ސްޓޭޑިއަމްގައި ފްރާންސްއާ ދެކޮޅަށް އިކުއެޑޯ މިރޭ ކުޅުނު މެޗް ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ފްރާންސްއަށް މިރޭ އިކުއެޑޯގެ ގޯލް ފޫއަޅުވާ ނުލެވުނު ނަމަވެސް، މެޗުން ލިބުނު އެއް ޕޮއިންޓާއެކު ފްރާންސް ވަނީ މުބާރާތުގެ 16 އިން ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާއެކު ޖާގައެއް ކަށަވަރު ކޮށްފައެވެ. އަދި މިރޭ ފްރާންސް އަތުން ލިބުނު އެއް ޕޮއިންޓާއެކު ރަށަށް ދާން ޖެހުނު އިކުއެޑޯއަށް ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓާއެކު ތިން ވަނަ އެވެ. މި ގްރޫޕްގެ ދެ ވަނަ ހޯދީ ހަ ޕޮއިންޓާއެކު ސްވިޒަލެންޑެވެ. އަދި މިގްރޫޕުން އިކުއެޑޯއާ އެކު ރަށަށް ދާން ޖެހުނު ހޮންޑިއުރާސްއަށް ޕޮއިންޓެއް ނުލިބި ދިޔައީ އެންމެ ފުލަށެވެ.

މި މުބާރާތުގައި މި ފަހަރު ވާދަކުރި ދެކުނު އެމެރިކާގެ ފަސް ޓީމުގެ ތެރެއިން ދެ ވަނަ ބުރަށް ނުގޮސް، މުބާރާތް ނިންމާލަން ޖެހުނު ހަމައެކަނި ޓީމަކީ ވެސް އިކުއެޑޯ އެވެ.

ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްއަށް މެޗުގެ ލީޑް ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން އެޓީމުގެ މަޓުއިޓީ މެޗުގެ 15 ވަނަ މިނެޓުގައި އެކުޑޯގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ އެކުއެޑޯގެ ކީޕަރު ހުޝިއާރު ކަމާއެކު ދިފާއު ކުރިއެވެ.

ފްރާންސްގެ މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ވެސް އެޓީމަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ފްރާންސްގެ ޕޮގްބާ ފޮނުވާލި ބާރު ހަމަލާވެސް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިކުއެޑޯގެ ކީޕާރު ޑޮމިންގޭޒް ދިފާއު ކުރިއެވެ.

މުބާރާތުގެ ގަދަ 16 އަށް ދިއުމަށް ކޮންމެހެން ފްރާންސް އަތުން މޮޅުވާން މަޖުބޫރުވި އިކުއެޑޯއަށް މިރޭގެ މެޗުގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއް ހިތްދަތި ކަމަކީ ކެޕްޓަން ވެލެންސިއާއަށް މެޗުގެ 50 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ.

ފުރަތަމަ ހާފެކޭ އެއްގޮތައް ދެ ވަނަ ހާފުގައި ވެސް ފްރާންސްއަށް މެޗުގެ ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ އިކުއެޑޯގެ ގޯލަށް ފްރާންސްގެ ފޯވާޑުންނަށް ގޯލެއް ނުޖެހުނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިކުއެޑޯގެ ގޯލްކީޕަރުގެ ހުޝިޔާރު ކަމުންނެވެ.

މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިކުއެޑޯ ވާދަކުރި ހަތަރު ވަނަ ފަހަރެވެ. އެގޮތުން އިކުއެޑޯ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރެވިފައިވަނީ 2006 ވަނަ އަހަރު ބޭއްވި މުބާރާތުންނެވެ.

ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި ފްރާންސް ވާދަކުރާނީ މިމަހުގެ 30 ވަނަ ދުވަހު ގްރޫޕް އެފް އިން ދެ ވަނަ ހޯދި ނައިޖީރިއާ އާ ދެކޮޅަށެވެ.