ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް ނިމެންދެން މަސައްކަތް ކުރިއަށް ގެންދާގޮތަށް ހަމަޖައްސައި، ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ މަސައްކަތް ކުރުމަށް އެކުލަވާލައްވާފައިވާ ޕެނަލްގެ މަސައްކަތް މިއަދު ހެނދުނު ފަށައިފި އެވެ.


ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހެނދުނު 10؛30ގައި ޕެނަލްގެ މަސައްކަތް ފަށައިގެން، ފަނޑިޔާރުކަމަށް ޝަރުތު ފުރިހަމަވާ ފަރާތްތައް ބަލައި ކެޓަގަރައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ބުނާއިރު، އެ ކޯޓުގައި މިހާރު ތިއްބެވި ހަތަރު ފަނޑިޔާރުންގެ ތެރެއަށް ފަސް ފަނޑިޔާރުން ހިމަނައިގެން، މިމަހު 23ގެ ނިޔަލަށް ހައިކޯޓަށް ފަނޑިޔާރުން ހަމަކޮށް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.


ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ ހައިކޯޓަށް ފަނޑީޔާރުން އައްޔަން ކުރުމުގެ މައްސަލައިގެ އިތުރުން އެ ކޮމިޝަންގެ ވަރަށްގިނަ ކަންތައްތައް ކުރިއަށްއޮތް ތަނުގައި ކުރިއަށް ގެންދާނެ ގޮތްތަކެއް، ކޮމިޝަންގެ މި އަހަރުގެ ބައްދަލުވުންތަކުން މިހާތަނަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން ކޮމިޝަންގެ ހިންގާ ގަވާއިދު ފާސްކުރުމަށް ތާރީހްތަކެއް ކަނޑައަޅައި، އަންނަ ހޯމަ ދުވަހު ކޮމިޝަންގެ ހިންގާ ގަވާއިދަށް އިސްލާހް ހުށަހަޅައި ބުދަދުވަހު ގަވާއިދަށް ބަހުސް ކުރުމަށްފަހު، ބުރާސްފަތި ދުވަހު ގަވާއިދު ފާސްކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. މި ގަވާއިދުގެ ސަބަބުން ކޮމިޝަންގެ ހިންގުން އިތުރަށް ހަރުދަނާވެ ކޮމިޝަންގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.