26 Jun 2014, 03:58
ފީފާ ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގައި ވާދަކުރާ ޗިލީގެ އެއް ނަންބަރު ގޯލް ކީޕަރު ކްލައުޑިއޯ ބްރާވޯ އަންނަ ސީޒަންގައި ބާސެލޯނާއަށް ކުޅުމަށް ނިންމައިފި އެވެ.
ބާސާއިން އިއްޔެ ނެރުނު ކުރު ނޫސް ބަޔާނެއް ގައި ބުނެފައި ވަނީ ޗިލީގެ ގޯލްކީޕަރު ބްރާވޯ ކުލަބަށް ކުޅުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް ކަމަށެވެ.
ބްރާވޯ ބާސާއަށް ބަދަލުވިއިރު، އެކުލަބުގެ ގޯލްކީޕަރު ވިކްޓާ ވަލްޑޭސްއަށް ނިމިދިޔަ ސީޒަންގެ މޭމަހުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނަ ވަނީ ކުލަބުން ވަކިވެފައި ކަމަށް ވެސް ބާސާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބާސާއިން ބުނީ މިފަހަރުގެ ވޯލްޑް ކަޕްގައި ޗިލީ ދެ ވަނަ ބުރަށް ގެންގޮސް ދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރި އެއް ކުޅުންތެރިއަކީ ކީޕަރު ބްރާވޯ ކަމަށެވެ. އަދި ބްރާވޯއަކީ ވޯލްކަޕްގައި ވާދަކުރާ ޓީމްތަކުގެ ކީޕަރުންގެ ތެރެއިން ވިދާލާ މޮޅު ކީޕަރެއް ކަމަށް ބާސާގެ ބަޔަނުގައި ބުނެފައި ވެއެވެ.
އުމުރުން 31 އަހަރުގެ ބްރާވޯގެ ކެޕްޓަން ކަމުގެ ދަށުން ޗިލީ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައި ވަނީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާއެކު އެވެ. މިގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ނުވަ ޕޮއިންޓާއެކު ދެ ވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ ނެދަލެންޑްސެވެ.
ޗިލީގެ އެއް ނަންބަރު ކީޕަރު ބްރާވޯ މިދިޔަ ސީޒަންގައި ކުޅެފައި ވަނީ ރެއާލް ސޮސައިޑާޑް އަށެވެ. އޭނަ ރެއާލް ސޮސައިޑާޑްއާ ގުޅުނީ 2006 ވަނަ އަހަރު އެވެ.