ވޯލްޑް ކަޕްގެ ގްރޫޕް އީގައި ބަޔާން މިއުނުކަށް ކުޅެމުންދާ ޒާޑަން ޝަގީރީ ކާމިޔާބުކުރި ހެޓްރިކާއެކު ހޮންޑިއުރަސް އަތުން ސްވިޒަލޭންޑް މޮޅުވެ، ގަދަ 16 އަށް ދަތުރުކޮށްފި އެވެ.

އެރީނާ އެމަޒޯނިއާގައި މިރޭ ކުޅުނު އެ މެޗަށް ދެ ޓީމުން ނުކުތް އިރު، ހޮންޑިއުރަސް އާއި ސްވިޒަލެންޑަށް ވެސް ގަދަ 16ގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް އޮތެވެ. ނަމަވެސް ހޮންޑިއުރަސް އަތުން 3-0 ލަނޑުން ސްވިޒަލޭންޑް މޮޅުވެ، ފްރާންސްއާ ދެކޮޅަށް އިކުއެޑޯ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ގަދަ 16ގެ ފަހު ޖާގަ ލިބުނީ ސްވިޒަލޭންޑަށެވެ.

މެޗުގައި ސްވިޒަލޭންޑަށް ޝަގީރީ ލީޑު ނަގައިދިނީ މެޗުގެ ހަ ވަނަ މިނެޓްގަ އެވެ. އޭރިޔާ ބޭރުން ޝަގީރީގެ ވައަތު ފައިން ފޮނުވާލި ބާރު ހަމަލާ ވަދެފައި ވަނީ ހޮންޑިއުރަސްގެ ގޯލުގެ ކަނަށެވެ. މި ލަނޑު ކާމިޔާބުކުރުމުގެ ކުރިން ވެސް ޝަގީރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ހޮންޑިއުރަސް އިން މަސައްކަތް ކުރަމުން ދަނިކޮށް ޝަގީރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ސްވިޒަލޭންޑަށް ލީޑު ފުޅާކޮށްދީފަ އެވެ. ފޯވަޑް ޑާމިޗްގެ ބޯޅައަކުން ހުސްކޮށް އޮތް ޝަގީރީ ވަނީ ވަރަށް ރީތިކޮށް ހޮންޑިއުރަސްގެ ގޯލު ތެރެއަށް އެ ބޯޅަ ފޮނުވާލައިފަ އެވެ. މި ލަނޑާއެކު ޝަގީރީ ހިމެނިގެންދިޔައީ ވޯލްޑް ކަޕްގެ އެއް މެޗެއްގައި ސްވިޒަލޭންޑަށް ދެ ލަނޑު ކާމިޔާބުކޮށްދިން ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ކުރިން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރޫމޭނިއާ ކޮޅަށް ދެ ލަނޑު ޖެހި ސްވިޒަލޭންޑް ކުޅުންތެރިއަކީ އެޑްރިއަން ކްނުޕެވެ.

މެޗުގައި ސްވިޒަލޭންޑުން ކާމިޔާބުކުރި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މި ލަނޑު ޖަހައި ޝަގީރީ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 71 ވަނަ މިނެޓްގަ އެވެ. ޑާމިޗްގެ ބޯޅައަކުން ޝަގީރީ ފުރިހަމަކުރި މި ހެޓްރިކަކީ ވޯލްޑް ކަޕުގެ ތާރީހުގައި ފެނިގެންދިޔަ 50 ވަނަ ހެޓްރިކެވެ.

މި ނަތީޖާއާއެކު ސްވިޒަލޭންޑް ގަދަ 16އަށް ދަތުރުކުރީ ގްރޫޕްގެ ދެވަނައިގެ ގޮތުގަ އެވެ. ކުޅުނު ތިން މެޗުން އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، އެއް ވަނައިގައި އޮތް ފްރާންސް އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އިކުއެޑޯއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެންމެ ފުލުގައި އޮތް ހޮންޑިއުރަސް މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓަކާ ނުލައެވެ.

މި މުބާރާތުގެ ގަދަ 16ގައި ސްވިޒަލޭންޑް ނުކުންނަން ޖެހޭނީ ގްރޫޕް އެފްގެ އެއްވަނަ އާޖެންޓީނާއާ ދެކޮޅަށެވެ. އަދި ގްރޫޕް އީގެ އެއްވަނަ ފްރާންސް ނުކުންނަން ޖެހޭނީ ގްރޫޕް އެފްގެ ދެވަނަ ނައިޖީރިއާ އާ ދެކޮޅަށެވެ.