26 Jun 2014, 00:21
ވޯލްޑް ކަޕް ގްރޫޕް އެފްގައި އާޖެންޓީނާ އަތުން 2-3 ލަނޑުން ނައިޖީރިއާ މިރޭ ބަލިވިޔަސް، ގްރޫޕްގެ އެއް ވަނަ ޓީމް އާޖެންޓީނާއާއެކު ނައިޖީރިއާ ވެސް ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ބެރެޒިލްގެ އެސްޓާޑިއޯ ބެއިރާ ރާއޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުން އާޖެންޓީނާ މޮޅުވެ ގްރޫޕްގް އެއް ވަނަ ޓީމުގެ ގޮތުގައި އޮތީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗް ވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓާއެކު އެވެ. އަދި ގްރޫޕްގެ ދެ ވަނަ މަގާމް ގައި އޮތީ ހަތަރު ޕޮއިންޓް ލިބިގެން ނައިޖީރިއާ އެވެ. ތިން ވަނަ މަގާމް ގައި އޮތީ ތިން ޕޮއިންޓާއެކު ބޮސްނިއާ އެވެ. އަދި ގްރޫޕްގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ އިރާނެވެ.
އާޖެންޓީނާ އަތުން ނައިޖީރިއާ ބަލިވި ނަމަވެސް، މުބާރާތުގެ ގަދަ 16 އަށް ދެ ދެޓީމް ވެސް ދަތުރު ކޮށްފައިވާއިރު، ދެ ވަނަ ބުރުގައި އެ ދެ ޓީމް ބައްދަލު ކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ މިރޭ ދަންވަރު 1:00ގައި ކުޅޭ ގްރޫޕް އީގެ ފަހު މެޗުތަކަށް ފަހު އެވެެ. އެގޮތުން ގްރޫޕް އީގައި މިރޭ ބައްދަލު ކުރާނީ ފްރާންސާއި އިކުއެޑޯ އަދި ސްވިޒަލޭންޑާއި ހޮންޑިއުރަސްއެވެ.
އާޖެންޓީނާ އާއި ނައިޖީރިއާ މިރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގި އާޖެންޓީނާއިންނެވެ. އެ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. އޭނާ އެލަނޑު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނީ އެންޖެލް ޑި މަރިއާ ފޮނުވާލި ބާރު ބޯޅަ ނައިޖީރިއާގެ ގޯލް ދަނޑީގައި ޖެހި ނުކުތް ވަގުތު އެވެ.
އާޖެންޓީނާއަށް މެސީ ލަނޑު ޖަހައިދީ މެޗުގެ ލީޑް ނެގިތާ މިނެޓެއް ވެސް ނުވަނީސް ނައިޖީރިއާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ނައިޖީރިއާއަށް ކާމިޔާބު ކޮށްދިނީ އަހުމަދު މޫސާ އެވެ.
މެޗުގެ ކުރީ ކޮޅު ދެޓީމުގެ ނަތީޖާ ވެސް ހަމަހަމަ ވިނަމަވެސް، އާޖެންޓީނާއިން ދިޔައީ ނައިޖީރިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ފުރަތަމަ ހާފް ނިމެން ދަނިކޮށް މެސީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް އަލުން އާޖެންޓީނާއިން ނެގުމެވެ. އެ ލަނޑު މެސީ ކާމިޔާބު ކުރީ ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.
މެޗުގައި ދެ ވަނަ ފަހަރަށް ނައިޖީރިއާއިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގެ 48 ވަނަ މިނެޓުގައެވެ. އެ ލަނޑު ނައިޖީރިއާ އަށް ކާމިޔާބު ކޮށްދިނީ ވެސް އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން އަހުމަދު މޫސާއެވެ.
މިރޭގެ މެޗުގައި އާޖެންޓީނާ އަށް ގްރޫޕްގެ އެއް ވަނަ ކަށަވަރު ކޮށްދިން ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ރޯޖޯ އެވެ.