26 Jun 2014, 00:09
ފީފާ ވޯލްޑް ކަޕުގެ ގަދަ 16 އަށް އީރާން ދަތުރު ކުރިޔަނުދީ ހިފެހެއްޓުމަށް ފަހު، ތިން ޕޮއިންޓާއެކު ބޮސްނިއާ އެންޑް ހެރްގޮވީނާ މުބާރާތް ނިންމާލައިފި އެވެ.
އެރީނާ ފޮންޓެ ނޯވާގައި މިރޭ ކުޅުނު ގްރޫޕް އެފްގެ ފަހު މެޗަށް ދެ ޓީމު ނުކުތް އިރު، ބޮސްނިއާ އަށް ގަދަ 16ގެ ޖާގައެއް ގެއްލިފައި އޮތް ނަމަވެސް، އީރާނަށް ގަދަ 16އަށް ދަތުރުކުރުމުގެ ހަނި ފުރުސަތެއް އޮތެވެ. ނަމަވެސް އީރާނަށް އެ ފުރުސަތު ގެއްލުނީ ބޮސްނިއާ އަތުން މިރޭ 3-1 ލަނޑުން ބަލުވުމާއި ގުޅިގެންނެވެ.
މެޗަށް ބޮސްނިއާ ނުކުތް އިރު، އެ ޓީމުގެ ފުރަތަމަ އެގާރައިން މުހިންމު އެއް ބަދަލެއް ފެނިފައި ވެ އެވެ. މިރޭގެ މެޗުގައި ބޮސްނިއާގެ ފޯވަޑް އެޑިން ޖެކޯއަށް އެހީތެރިވުމަށްޓަކައި އެޓީމުގެ ކޯޗު ސަފެޓް ސުސިޗްގެ ކޮއްކޮ ވެދާދް އިބިސެވިޗް ވަނީ ހިމަނައިފަ އެވެ.
މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ބޮސްނިއާ އަށް ލީޑު ނަގައިދިނީ މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ފޯވަޑް ޖެކޯ އެވެ. މި ލަނޑު ޖެކޯ ކާމިޔާބުކުރީ އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި މެޗުގެ 24 ވަނަ މިނެޓްގަ އެވެ. އޭރިޔާ ބޭރުގައި ހުރެ ޖެކޯ ގޯލަށް ހަމަލާ ފޮނުވާލިއިރު، އެ ބޯޅަ ހޯދުމަށް އީރާނުގެ އެއްވެސް ކުޅުންތެރިޔަކު އޭނާއަށް ހުރަސް އަޅާފައެއް ނުވެ އެވެ.
މެޗުގައި ބޮސްނިއާ އިން ލީޑު ފުޅާކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 59 ވަނަ މިނެޓްގައި ޖެކޯ ދިން ބޯޅައަކުން އެ ލަނޑު ބޮސްނިއާއަށް ކާމިޔާބުކޮށްދިނީ ރޯމާ އަށް ކުޅެމުންދާ މިޑްފީލްޑަރު މިރަލެމް ޔަނިކެވެ. މިއީ ބޮސްނިއާ ގައުމީ ޓީމަށް ޔަނިކް ކާމިޔާބުކޮށްދިން ނުވަ ވަނަ ލަނޑެވެ.
ގިނަ މަސައްކަތްތަކަކަށް ފަހު، ބޮސްނިއާ ކޮޅަށް އީރާނަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗުގެ 81 ވަނަ މިނެޓްގަ އެވެ. މި ލަނޑު އީރާނަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ފޯވަޑް ގޫޗަނެޖާދް ރެޒާ އެވެ. މި ލަނޑަކީ ވޯލްޑް ކަޕުގައި އީރާނަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑެވެ.
އީރާނުން ސުން ކަނޑުވާލިތާ އެއް މިނެޓް ފަހުން ބޮސްނިއާ އިން އަލުން ލީޑު ފުޅާކުރި އެވެ. ބޮސްނިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު އަވްޑިޖާ ވާސަޖެވިޗެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ ކަނާތު ފަޅިން އަރައިގެން އައިސް އީރާނު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާގެ ސަބަބުން ގްރޫޕްގެ އަނެއް މެޗުގައި އާޖެންޓީނާ އަތުން 3-2 ލަނޑުން ނައިޖީރިއާ ބަލިިވި ނަމަވެސް، ނައިޖީރިއާ އަށް ވަނީ ގަދަ 16ގެ ޖާގައެއް ލިބިފަ އެވެ. ގްރޫޕް އެފްގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އެއްވަނައިގައި އޮތް އާޖެންޓީނާ އަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ނައިޖީރިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނަ އަށް އެރި ބޮސްނިއާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް އީރާނަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މި މުބާރާތުގައި މިރޭ 1:00ގައި ކުޅޭނީ ގްރޫޕް އީގެ އެންމެ ފަހު މެޗުތަކެވެ. ގްރޫޕް އީގައި ކުޅޭ އެއް މެޗުގައި ހޮންޑިއުރަސްއާ ދެކޮޅަށް ސްވިޒަލޭންޑް ނުކުންނަ އިރު، އަނެއް މެޗުގައި ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައިވާ ފްރާންސް ނުކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ. މި ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކަށް ވެސް ގަދަ 16ގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.