ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ ދިވެހި ބޭންކުން ހދ. ކުޅުދުއްފުށީގައި އިތުރު އޮޓަމޭޓެޑް ޓެލާމެޝިން (އޭޓީއެމް)އެއް ބަހައްޓައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި 24 ގަޑި އިރު ހިދުމަތްދޭ އެ އޭޓީއެމް މިއަދު ހުޅުވައި ދެއްވީ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އެންޑްރޫ ހޭލީ އެވެ.

ބޭންކުން އާންމު ކުރި ބަޔާނެއްގައި މިއަދު ބުނީ އެ އޭޓީއެމް ބަހައްޓާފައި ވަނީ ރަށަށް ޒިޔާރަތް ކުރާ ގިނަ ބަޔަކަށް ފަސޭހަ ވާނެ ސަރަހައްދެއްގައި ކަމަށާއި އަދި އެ ސަހަރައްދަކީ އެ ރަށުގެ ސަރުކާރުގެ އޮފީސްތަކާއި ވިޔަފާރި މަރުކަޒުތައް ހުންނަ އޭރިއާއެއް ކަމުން ގިނަ ބަޔަކަށް ފަސޭހަތަކެއް ވާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ބޭންކްގެ ސީއީއޯ އާ ހަވާލާދީ ބޭންކުން ބުނީ މިއަދު ހުޅުވި އޭޓީއެމްގެ ސަބަބުން ބޭންކުން ހިދުމަތް ރަނގަޅުކޮށް ފުޅާ ކުރުމަށް މަސައްކަތް ކުރާ މިންވަރު އެނގޭ ކަމަށާއި އަދި މި އަހަރު ނިމުމުގެ ކުރިން ކުޅުދުއްފުށީ ސަރަހައްދަށް ބޭންކުގެ އިތުރު ހިދުމަތް ތައާރަފު ކުރާނެ ކަމަށެވެ.

ބޭންކު އޮފް މޯލްޑިވްސްގެ ބްރާންޗެއް ކުޅުދުއްފުށީގައި ހުޅުވީ 1991 ވަނަ އަހަރު އެވެ. އަދި ފުރަތަމަ އެ ރަށުގައި އޭޓީއެމްއެއް ބެހެއްޓީ 2007 ވަނަ އަހަރު އެވެ.

ބީއެމްއެލްއަކީ މިހާރު އެންމެ ގިނަ އޭޓީއެމްގެ ހިދުމަތްދޭ ބޭންކެވެ. އެ ބޭންކުން އަންނަނީ 53 އޭޓީ މެޝިނަކުން 18 އަތޮޅަކަށް ހިދުމަތް ދެމުންނެވެ.