25 Jun 2014, 21:17
ދިރާގު ދިވެހި ލީގުގައި ކްލަބު އީގަލްސް ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުން އީގަލްސް މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރަސަތުތަކެއް ވަނީ ލިބިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބީޖީއިން ލަނޑެއް ކާމިޔާބުކޮށް ލީޑު ނެގި އެވެ. އެ ޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ބީޖީ އިން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ބީޖީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އަޓަޕާ ކަޒީމް އެވެ. މިއީ ލީގުގައި އަޓަޕާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
މެޗުގެ 70 ވަނަ މިނެޓްގައި އީގަލްސް އިން އަލުން ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްްދިނީ މުހައްމަދު ތަސްނީމެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އީގަލްސް އިން ލީޑު ފުޅާކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ) އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީގަލްސްގެ ފަހު ލަނޑު ކާމިޔާބުކޮށްދިން މެސީ އެވެ. މެޗުގައި މެސީއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެ އެވެ.
މިހާރު ލީގުގައި ކޮންމެ ޓީމަކުން ވެސް ވަނީ ދެ މެޗު ކުޅެފައެވެ. ލީގުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ކުޅުނު ދެ މެޗުން އެޓީމަށް ހަ ޕޮއިންޓް ލިބުނު އިރު، ދެވަނައިގައި އީގަލްސްއަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ނިއު އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ތިން ވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބުނު މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ބީޖީ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާ، މިއިން ކޮންމެ ޓީމަކަށް އެއް ޕޮއިންޓް ލިބިފައި ވާ އިރު، ޕޮއިންޓެއް ނުލިބި ލީގުގެ އެންމެ ފުލުގައި އޮތީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.
ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ މަހު ދެވަނަ ދުވަހު އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި އެރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭވައިލް އާއި އީގަލްސް އެވެ.