25 Jun 2014, 19:48
މިއަހަރުގެ ރޯދަ މަހަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާނުލުމަށް ޓީޗާސް އެސޯސިއޭޝަނުން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެ އެވެ.
ޓީއޭއެމް އިން އެގޮތަށް އެދިފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން އަންނަ ރޯދަ މަހުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން "ކުއްލި ގޮތަކަށް" މެދުކަނޑާލަން ނިންމާފައިވާތީ އެވެ.
ޓީޗާސް އެސޯސިއޭޝަނުގެ ރައީސް އާތިފު އަބްދުލް ހަކީމް މިއަދު "ސަން" އަށް މިއަދު ވިދާޅުވީ، އެ އެސޯސިއޭޝަނުން މިއަހަރުގެ ރޯދަ މަހަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާނުލުމަށް އެދުނީ، ތައްޔާރީތަކެއް ނުވެ ތިބެ، ކުއްލިއަކަށް ސްކޫލްތަކުގެ ކިޔެވުން ރޯދަ މަހަށް މެދުކަނޑާލަން ނިންމާފައި ވާތީ ކަމަށެވެ.
ދުރާލާ ރާވައިގެން ސްކޫލްތައް މެދުކަނޑާލަން ތާއިދު ކުރާ ކަމަށް އާތިފް ހަކީމް ވިދާޅުވި އެވެ.
"ރޯދަ މަހާއި ދިމާކޮށް ހުރިހާ ސްކޫލަކުން ވެސް ތިބީ ރޯދަ މަހަށް ލިބޭ ވަގުތު ކޮޅަށް ހުރިހާ ކަމެއް ރާވައިގެން. ސިލަބަސް ކަވަރުކުރާނެ ގޮތާއި އެއްޗެހި. ނަމަވެސް ކުއްލި ގޮތަކަށް އެއް މަސް ދުވަހަށް ސްކޫލްތައް މެދުކަނޑާލަން ނިންމި ނިންމުމަކީ އެއީ ދަރިވަރުންގެ ޓަޗް ގެއްލޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރޯދަ މަހާ ދިމާކޮށް ސްކޫލްތައް މެދުކަނޑާލާނެ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދުރާލައި އެންގިނަމަ "އެއް މަސް ދުވަހު ބަންދު"ގައި ކުދިންނަށް ގޭގައި ވެސް ހެދޭނެ ފިލާވަޅު ޓީޗަރުންނަށް ތައްޔާރުކުރެވުނީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، އެއް މަހުގެ މެދުކެނޑުމަކަށްފަހު ދަރިވަރުންނަށް ކިޔަވައިދޭން ފެށުމުން، ޓީޗަރުންނަށް ވެސް ދަރިވަރުން ކިޔެވުމުގެ ތެރެއަށް ގެންނަން އެއް ހަފްތާ ވަރު ނަގާނެ ކަމަށެވެ. އަދި ބައެއް މާއްދާތަކަކީ އެއް ފިލާވަޅާއި އަނެއް ފިލާވަޅާ ގުޅިގެން ގެންދަންޖެހޭ މާއްދާތަކެއް ކަމުން، ދެވަނަ ޓާމުގައި މިހާރު ކިޔަވައިދީފައިވާ އެއްޗެހި ވެސް އަލުން ކިޔަވައިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލްތައް އަލުން ހުޅުވުމާއެކު ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ފުރިހަަމަ ކުރުމަށް ބައެއް ޓީޗަރުނަށާއި ދަރިވަރުންނަށް ވެސް ގެއްލުންތަކެއް ވާނެ ކަަމަށް އާތިފް ވިދާޅުވި އެވެ.
"ހަފްތާ ބަންދު ތެރޭގައި ނުކުންނަން ޖެހުމުން ބައެއް ޓީޗަރުން ސިލަބަސް 'އޮއްސާލާ' އިރު، ހަފްތާ ބަންދުގައި ވެސް ޓީޗަރުން ނުކުންނަން ޖެހުމުން، ބައެއް ޓީޗަރުންނަށް ސްކޫލްތަކަށް ނުކުތުމުގައި ދަތިތަކެއް ކުރިމަތިވެ، ދަރިވަރުންނަށް އެކަމުގައި ގެއްލުންތަކެއް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.
ފަށާ ތައުލީމުން ފެށިގެން މެދުމަދަރުސީ އާއި ސާނަވީ ތައުލީމް އުނގެނޭ ދަރިވަރުންގެ ތެރެއިން ގްރޭޑް ނުވައެއްގެ ދަރިވަރުންގެ ކިޔެވުން ނުބާއްވާ ގޮތަށް އެޑިއުކޭޝަނުން ހަމަޖައްސާފައިވަނީ، ރޯދަ މަހުގެ ކިޔެވުން އޮންނާނެ ގަޑިތައް ކަނޑައަޅައި ދެ ފަހަރެއްގެ މަތިން ސްކޫލްތަކަށް ސާކިއުލާ ފޮނުވުމަށް ފަހު އެވެ.
ސްކޫލްތަކަށް މިހާރު ފޮނުވާފައިވާ "ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުގެ އުސޫލު"އާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ، ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލަން ނިންމީ، ރޯދަ މަހުގައި ކިޔަވައިދޭ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެދެވޭ ނަތީޖާއެއް ނުނެރެވޭނެތީ އެވެ. އަދި ރޯދަ މަހު ބެލެނިވެރިންނަށް ވެސް ތަކުލީފުތަކާ ކުރިމަތިވާނެތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.