25 Jun 2014, 18:59
ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ތިން އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފި އެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ބައިވެރިވެވަޑައިގެންނެވި އެވެ.
ލަންކާއާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު ތިން އެއްބަސްވުމުގައި ވެސް ލަންކާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖީއެލް ޕީރިއަސްއެވެ. އެގޮތުން
ދެގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ހެލްތް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޑޮކްޓަރު މަރިޔަމް ޝަކީލާ އެވެ.
ލަންކާގެ އިންވެސްޓްމަންޓް ބޯޑާއި، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ސޮއިކުރި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ސްޓްރެންތަނިން ކޯޕަރޭޝަން ބިޓްވީން ބޯޑް އޮފް އިންވެސްޓްމަންޓް އޮފް ޝްރީލަންކާ އެންޑް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އޮފް މޯލްޑިވްސް" އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް ޑެވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މިއަދު ސޮއިކުރި ތިން ވަނަ އެއްބަސްވުން ކަމަށްވާ ހާލުގައި ޖެހޭ މީހުން ހޯދުމާއި، ސަލާމަތްކުރުމާ ބެހޭ އެއްބަސްވުން، "އެރޭންޖްމަންޓް އޮން ސާޗް އެންޑް ރެސްކިއު"ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ.
ސްރީލަންކާގެ ރައީސް ރާޖަ ޕަކްސަ މިއަދު ރާއްޖެ ވަޑައިގަންނެވި އިރު، އަރިހުގައި އެގައުމުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޕާލަމަންޓް މެންބަރުން އަދި އިސްބޭފުޅުންގެ ވަފްދެއް ރާއްޖެ ވަޑައިގަތެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީ ވާހަފުޅުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެ ގައުމުގެ ރައީސުންނާއި އސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ދެގައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.