25 Jun 2014, 18:58
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި މިއަދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި އެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ސްރީލަންކާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ.
ދެގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަމުގެ ތަފްސީލު ދެއްވިއެވެ. އެގޮތުން، ދިވެހި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެއްވުމާއި، ރާއްޖޭގެ އިގްތިސާދު އިތުރަށް ތަރައްގީ ކުރައްވައި ފުޅާކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، ގައުމުގެ އިޖުތިމާއީ ގުޅުން ވަރުގަދަ ކުރެއްވުމާއި، ޒުވާނުން ބާރުވެރިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ.
ރައީސް އޮފީގައި މިއަދު ބޭއްވި ރަސްމީ އެ ވާހަކަފުޅުތަކުގައި ރާއްޖެއާއި ލަންކާއާ ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ދެގައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.