25 Jun 2014, 17:16
ރޯދަމަހު ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެ އަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެމްޓީސީސީގެ ފެރީ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވީ، މިއަހަރުގެ ރޯދަމަހު ފެރީގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި މަޝްރޫއެއް ޚާއްސަ ކުރިޔަށް ގެންދާ ކަމަށެވެ.
އެގޮތުން އެ މަޝްރޫގެ ދަށުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަވާނޭހެން ފެރީ ޝެޑިއުލް ބަދަލު ކޮށްފައިވާ ކަމަށާއި އެ ޝެޑިއުލްގެ ދަށުން ކޮންމެ ދުވަހަކު ހެނދުނު 08:20 އިން ފެށިގެން 09:40 އާއި ދޭތެރޭ ކޮންމެ ފަސް މިނެޓަކުން ފެރީ އޮންނާނެހެން ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނޫން ވަގުތު ތަކުގައި ކޮންމެ 10 މިނެޓަކުން ފެރީތައް ދަތުރުކުރަމުން ގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެހެންކަމުން ޝެޑިއުލަށް ގެނައި ބަދަލާގުޅިގެން ކުރިން ދުވާލަކު ކޮޅަކަށް 86 ދަތުރު ކުރި ނަމަވެސް އެ އަދަދު މިއަހަރު ރޯދަމަހުގައި ދުވާލަކު 94 ދަތުރަށް އިތުރުވާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ތިން ކާގޯ ފެރީ ބޭއްވުމާއި ސައިކަލް ގެންދާ ފަރާތްތަކަށް ހާއްސަ ޓިކެޓް ކައުންޓަރެއް ހަމަޖެއްސުމުގެ އިތުރުން މިހާރު ބޭނުންކުރަމުން އަންނަ ފެރީތަކުގައި ހަލާކުވެފައިވާ ގޮނޑިތައް ބަދަލުކުރުމާއި ރޯދަމަހުގެ ޝެޑިއުލަށް އިތުރުކުރާ ފެރީގައި ފަސޭހަ ގޮނޑި ޖެހުން މި މަޝްރޫގެ ދަށުން ގެނައި ބަދަލުތަކުގައި ހިމެނޭ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
ފެރީ ޝެޑިއުލަށް ގެނައި ބަދަލުގެ އިތުރުން ޓާމިނަލްގެ ވެންޓިލޭޝަން ރަނގަޅުކުރުމާއި މި ދުވަސްވަރަކީ ވޯލްޑްކަޕް ދުވަސްވަރަށް ވުމުން ޓާމިނަލްގައި މަޑުކުރާ ވަގުތުގައި ފަސިންޖަރުންގެ މުނިފޫހިފިލުވުމަށް ޓަކައި ވޯލްޑްކަޕް މެޗްތަކާއި ޚަބަރު ފެންނާނެ ގޮތް ވެސް ހަމަޖައްސާފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭގެ އިތުރުން ފެރީ އުޅަނދުފަހަރު ކަނޑިންމައިން ވަދެ ނުކުތުން އަވަސްކުރުމަށް ޓަކައި ނަސަނދުރަ ޕެލްސް ހޮޓެލް ކުރިމަތީ އޮންނަ ފިންގާޖެޓީ އިން ތިން ބްލޮކް ނަގައި ޖާގަ ތަނަވަސްކޮށްފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
ފެރީގެ ފެންވަރު އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ޓަކައި ކައިރި މުސްތަގުބަލެއްގައި ފެންވަރު ރަނގަޅު ފައިބަގްލާސް ފެރީތަކެއް އެމްޓީސީސީގެ ފްލީޓުން ފެނިގެންދާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.