25 Jun 2014, 16:33
މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތު އެންޑް ސްޕޯޓްސް އިން ކުރަމުން އައި މީޑިޔާއާ ގުޅޭ މަސައްކަތްތަކާ އެކު ބައެއް އެހެން މަސައްކަތްތައް އެ މިނިސްޓްރީގެ ދަށުން ނަގައި ބައެއް އެހެން މިނިސްޓްރީތަކުގެ ދަށަށް މިއަދު ސަރުކާރުން ބަދަލުކޮށްފި އެވެ.
ޔޫތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ބަލަމުން ދިޔަ މީޑިޔާއާ ގުޅޭ މަސައްކަތްތަކާއި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި ހެރިޓޭޖްގެ ބަޔާއި ހިއުމަން ޓްރެފިކިން އަދި ހިޖްރީ ކަލަންޑަރާ ގުޅޭ މަސައްކަތްތައް އެހެން މިނިސްޓްރީތަކެއްގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މީޑިއާ ގުޅޭ މަސައްކަތްތައް ބަދަލުކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ކަމަށެވެ. އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި ހިއުމަން ޓްރެފިކިންގެ ބައި އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ އިރު ހިޖުރީ ކަލަންޑަރާ ގުޅޭ މަސައްކަތްތައް ބަދަލު ކުރީ އިސްލާމިކް މިނިސްޓްރީގެ ދަށަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީން ބަލަމުން ދިޔަ މީޑިޔާއާ ގުޅޭ މަސައްކަތްތައް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި މި ވަނީ މީޑިއާ ކައުންސިލްގެ ދައުރު ހަމަވާތީ އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދަނިކޮށެވެ.
އެނގިފައިވާ ގޮތުގައި މީޑިޔާ ކައުންސިލްގެ އިންތިހާބުގެ ކަންތައް ޔޫތު މިނިސްޓްރީ އިން ކުރިއަށް ގެންދާނީތޯ ނުވަތަ ހޯމް މިނިސްޓްރީ އިން އަލުން އެ މަސައްކަތް ކުރާނީތޯއާ މެދު މިހާތަނަށް ގޮތެއް ނުނިންމަ އެވެ.