25 Jun 2014, 16:31
ވޯލްޑް ކަޕްގެ ގްރޫޕް ޑީ ނުވަތަ "މަރުގެ ގްރޫޕް"ގައި ރޭ ކުޅުނު ފަހު މެޗުން އިޓަލީ ކަޓުވާލުމަށް ފަހު އުރުގުއާއީ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރި މެޗުގައި އިޓަލީ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި އުރުގުއާއީ ތަރި ލުއިސް ސުއަރޭޒް ދަތް އެޅި ހާދިސާ ހިނގީ އެކްސިޑެންޓަކުން ކަމަށް ސުއަރޭޒް ބުނެފި އެވެ.
އެރީނާ ދަސް ދުނާސްގައި 1-0 ލަނޑުން އިޓަލީ އަތުން އުރުގުއާއީ މޮޅުވި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑިއޭގޯ ގޮޑިން އެވެ. ކިއެލިނީގެ ކޮނޑުގައި ސުއަރޭޒް ދަތް އެޅި މަންޒަރު ފެނިފައި ވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ.
"މިއީ ދަނޑުމަތީގައި ހިނގާނެ ކަންތައްތައް. އަހަރެމެން ދެ މީހުންވެސް ތިބީ އޭރިއާ ތެރޭގައި. އޭނާގެ ކޮނޑު ފަހަތަށް ޖައްސާލިތަނާ އަހަރެން ދަތް ޕިލައިން ޖެހުނީ،" ސުއަރޭޒް ބުންޏެވެ. "އެއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. މި ވާހަކަތަކާމެދު އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެން."
މިހާރު ސުއަރޭޒްގެ މައްސަލަ ފީފާއިން ވެސް ވަނީ ބަލަން ފަށައިފަ އެވެ. އެ މައްސަލަ ދިފާއުކުރުމަށް ހެކި ހުށަހެޅަން ފީފާއިން ވަނީ ޔުރުގުއާއީ ފުޓްބޯޅަ އެސޯސިއޭޝަނާއި ސުއަރޭޒްއަށް އަންގައިފަ އެވެ.
މީގެ ކުރިން ވެސް ސުއަރޭޒް ވަނީ ދެ ފަހަރަކު ދެ ކުޅުންތެރިއެއްގެ ގައިގައި ދަތް އަޅައިފައެވެ. މިދިޔަ އަހަރު އޭނާ ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ގައިގައި ދަތް އެޅި އިރު، 2010 ވަނަ އަހަރު ޕީއެސްވީގެ އޮޓްމަން ބަކާލްގެ ގައިގައި ވެސް ވަނީ ދަތް އަޅައިފަ އެވެ.