ވޯލްޑް ކަޕްގެ ގްރޫޕް ޑީ ނުވަތަ "މަރުގެ ގްރޫޕް"ގައި ރޭ ކުޅުނު ފަހު މެޗުން އިޓަލީ ކަޓުވައިލުމަށް ފަހު ޔުރުގުއާއީ ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރި މެޗުގައި އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި ޔުރުގުއާއީ ގެ ތަރި ލުއިސް ސުއަރޭޒް ދަތް އެޅި ހާދިސާ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބަލަން ފަށައިފި އެވެ.

އެރީނާ ދަސް ދުނާސްގައި 1-0 ލަނޑުން އިޓަލީ އަތުން ޔުރުގުއާއީ މޮޅުވި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑިއޭގޯ ގޮޑިން އެވެ. ކިއެލިނީގެ ކޮނޑުގައި ސުއަރޭޒް ދަތް އެޅި މަންޒަރު ފެނިފައި ވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބަލަން ފަށާފައިވާ އިރު، ޔުރުގުއާއީ ފުޓްބޯޅަ އެސޯސިއޭޝަނާއި ސުއަރޭޒް އަށް އެ މައްސަލަ ދިފާއުކުރުމަށް ހެކި ހުށަހެޅުމަށް ފީފާއިން ވަނީ އަންގައިފަ އެވެ. ކުޅުންތެރިޔާ އާއި ޔުރުގުއޭ ގެ އެސޯސިއޭޝަނުން ފީފާއަށް، ރާއްޖޭ ގަޑިން މިރޭ 01:00 ގެ ކުރިން ހެކިތަކާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ.

ފީފާގެ ޑިސިޕްލިނަރީ ގަވާއިދު ބުނާ ގޮތުގައި، ކުޅުންތެރިއަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 24 މެޗު ނުވަތަ ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެކެވެ. ނަމަވެސް މިހާތަނަށް ފީފީއިން އެންމެ ބޮޑު ހުކުމެއް އިއްވާފައި ވަނީ އަށް މެޗަށެވެ. އެއީ 1994 ވަނަ އަހަރު އިޓަލީގެ މައުރޯ ޓަސޯޓީގެ އުޅަނބުށިން ޖަހައި ސްޕެއިންގެ ލުއިސް އެންރީކޭގެ ނޭފަތް ފަޅައިލުމުން ޓަސޯޓީއަށް ކުރިމަތިވި ސަސްޕެންޝަނެވެ.

މީގެ ކުރިން ވެސް ސުއަރޭޒް ވަނީ ދެ ފަހަރަކު ދެ ކުޅުންތެރިއެއްގެ ގައިގައި ދަތް އަޅައިފައެވެ. މިދިޔަ އަހަރު އޭނާ ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ގައިގައި ދަތް އެޅި އިރު، 2010 ވަނަ އަހަރު ޕީއެސްވީގެ އޮޓްމަން ބަކާލްގެ ގައިގައި ވެސް ވަނީ ދަތް އަޅައިފަ އެވެ.