25 Jun 2014, 16:17
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝިރާންތި ރާޖަޕަކްސަ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ރާޖަޕަކްސަގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުމާ އެކު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.
ރާޖަޕަކްސަގެ ދެކަނބަލުން މާލެ ވަޑައިގަތުމުން މާލޭގެ ރަސްމީ ފާލަމުން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި އެ މަނިކުފާނުގެ އަނބިކަނބަލުން ހައުލަތު ފަހީމެވެ.
ރާޖަ ޕަކްސަ މިއަދު ހަވީރު މާލެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވަނީ އެމްއެންޑީއެފްގެ ފަރާތުން 21 ބަޑީގެ ސަލާމެއް އަރުވައިފަ އެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމަށް ފަހު ވަނީ ހާއްސަ ގާޑް އޮފް އޮނަރެއް، ވެސް އަރުވާފަ އެވެ.
ރާޖަ ޕަކްސަ މިއަދު ރާއްޖެ ވަޑައިގަންނެވި އިރު، އަރިހުގައި އެގައުމުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޕާލަމަންޓް މެންބަރުން އަދި އިސްބޭފުޅުންގެ ވަފްދެއް ރާއްޖެ ވަޑައިގެންފައިވެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރާޖަޕަކްސަގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ ރައީސާ ދެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށެވެ.
މަހިންދަ ރާޖަޕަކްސަގެ މިދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ބޭރު ދައުލަތެއްގެ އެންމެ އިސްވެރިޔަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެކެވެ.