ބާ ޖަމާލުއްދީންގައި ހުންނަ ގައުމީ ޔުނިވާސިޓީގެ "ޖީ ބުލޮކް" ގެ ކެންޓީނުން ވިއްކާ ހެދިކާއިން އިސްތަށި ފެނިއްޖެއެވެ.

ސައުތު ކެންޓީނުގެ ފަރާތުން ހިންގާ އެކެންޓީނުގެ ހެދިކާއިން އިސްތަށި ސަންގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފަ އެވެ. ޔުނިވާސިޓީގައި ކިޔަވާ ކުއްޖެއް ކެއި މަސް ރޮއްޓަކުން ވެސް މިއަދު ވަނީ އިސްތަށި ފެނިފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އާއި ވާހަކަ ދެއްކި ޔުނިވާސިޓީގެ ބައެއް ދަރިވަރުން ބުނީ ސައުތު ކެންޓީނުން ވިއްކާ ހެދިކާއިން އިސްތަށި ފެނުމަކީ ވަރަށް އާންމުކަމެއް ކަމަށެވެ. އަދި އެތައް ފަހަރަކު އެމައްސަލަ ޖައްސާފައިވާނެ ކަމަށް ވެސް އެދަރިވަރުން ބުންޏެވެ.

"އަޅުގަނޑަށް ވެސް އަދި އަޅުގަނޑުގެ އެކުވެރިންނަށް ވެސް އެތައް ފަހަރެއްގެ މަތީން ހެދިކާއިން ވަނީ އިސްތަށި ފެނިފައި" ޔުނިވާސިޓީގެ ދަރިވަރަކު ބުންޏެވެ.

ގައުމީ ޔުނިވާސިޓީގައި ޖާނަލިޒަމް ކިޔަވަމުން އަންނަ ދެ ތިން ދަރިވަރަކު ވެސް ވަނީ އެ ކެންޓީނުން ވިއްކާ ކާއެއްޗެތީގައި އިސްތަށި ހުންނަ ކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

"ހެދިކާއިން އިސްތަށި ފެނުމަކީ އެކެންޓީނުން ވަރަށް ގިނައިން ދިމާވާ ކަމެއް" ޔުނިވާސިޓީގައި ޖާނަލިޒަމް ކިޔަވާ ދަރިވަރަކު ބުންޏެވެ.

ޔުނިވަސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށް ހިންގާ އެ ކެންޓީނުގެ ސާފުތާހިރުކަމުގެ މައްސަލަ ވެސް ބައެއް ދަރިވަރުން ވަނީ ފާހަގަކޮށްފަ އެވެ.

ސައުތު ކެންޓީން ހިންގުމާއި ހަވާލުވެ ހުންނަ ސާމިހް ސަހުނީޒް ބުނީ އެކެންޓީނުން ވިއްކާ ހެދިކާގައި އިސްތަށި ހުންނަ ކަމަށް ބުނެ އެމައްސަލަ ދަރިވަރުން ޖައްސާފައިނުވާ ކަމަށެވެ. އަދި މިއަދު ހެދިކާއިން އިސްތަށި ފެނުމަކީ "އެކްސިޑެންޓްއަކުން" ހިނގި ކަމެއް ކަމަށް އޭނާ ބުންޏެވެ.