އިސްލާމްއާބާދު: ޕާކިސްތާނުގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރުން ވަކިވެގެންދިޔަ ޔުނައިޓެޑް ނެޝަނަލް މޫމެންޓް (މުއްތަޙިދާ ޕާޓީ) އަނބުރައި ކޯލިޝަނަށް ރުޖޫޢަވެ ސަރުކާރުގައި އަލުން ބައިވެރިވެއްޖެއެވެ. މުއްތަޙިދާ ޕާޓީގެ އިސްވެރިއެއް ކަމަށްވާ ރިޒާ ހާރޫން ވިދާޅުވީ އެޕާޓީ އަލުން އަނބުރައި ސަރުކާރަށް ރުޖޫޢަވީ ޤައުމުގެ މަސްލަޙަތާއި ޑިމޮކްރަސީގެ އުސޫލުތަކަށް ރިޢާޔަތްކޮށް އެކަމާމެދު އަލުން ވިސްނުމަށްފަހުގައެވެ.


 މުއްތަޙިދާ ޕާޓީ، އަލުން އެނބުރި ސަރުކާރަށް އައީ މިކަމަށްޓަކައި ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ކުރެއްވި ބުރަމަސައްކަތްތަކެއްގެ ނަތީޖާއިންނެވެ. މައްސަލަ ހައްލުކުރުމަށްޓަކައި ގީލާނީ ކަރާޗީއަށް ވަޑައިގެން މުއްތަޙިދާ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައި އަލުން އެނބުރި ސަރުކާރަށް އައުމުގެ މުހިއްމުކަން އެޕާޓީގެ އިސްވެރިންނަށް ވިސްނައި ދެއްވިއެވެ. އަދި މީގެއިތުރުން އިތުރުން އެޕާޓީން ބޭނުންވާ ކަންތައްތަކެއް ކޮށްދެއްވުމަށްވެސް ނިންމެވިއެވެ. މީގެތެރޭގައި ތެލުގެ އަގުބޮޑުކުރުމަށް ސަރުކާރުން ނިންމި ނިމުން ބަދަލުކުރުން ހިމެނެއެވެ. ތެލުގެ އަގު ބޮޑުނުކުރުމަކީ މުއްތަޙިދާ ޕާޓީ ސަރުކާރުގައި ދެމިއޮތުމުގެ މައިގަނޑު އެއް ޝަރުތެވެ. މުއްތަޙިދާ ޕާޓީ ސަރުކާރުން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅުނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. އެޕާޓީ ވަކިވުމުން ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ސަރުކާރު ނާޒުކު ޙާލަތަކަށްވެއްޓި އެސަރުކާރު ދެމިއޮތުމާމެދު ސުވާލު އުފެދިގެން ދިޔައެވެ. އަދި މިކަމުގެ ސަބަބުން ގީލާނީގެ ސަރުކާރު ދެމިއޮތުމަށްޓަކައި ޤާނޫނީ ގޮތުން ބޭނުންވާ ބަރުލަމާނުގެ އަޣްލަބިއްޔަތުވެސް ގެއްލިގެންދިޔައެވެ. ނަމަވެސް އެޕާޓީ އަލުން އަނބުރައި ސަރުކާރަށް ރުޖޫޢަވުމުން ސަރުކާރު ދެމިއޮތުމަށް ބޭނުންވާ ބަރުލަމާނުގެ އަޣްލަބިއްޔަތު މިހާރުވަނީ ލިބިފައެވެ. މުއްދަޙިދާ ޕާޓީ ވަކިވެގެން ދިޔުމުން ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ ބަރުލަމާނުގެ އަޣްލަބިއްޔަތު ހޯދުމަށްޓަކައި ގީލާނީ އިދިކޮޅު އެހެން ޕާޓީތަކުގެ ލީޑަރުންނާވެސް ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރެއްވިއެވެ. ނަމަވެސް ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ ތާއީދު ދޭނެކަމުގެ ޔަގީންކަން އިދިކޮޅު އެއްވެސް ޕާޓީއަކުން ދީފައެއް ނުވެއެވެ.


 މުއްތަޙިދާ ޕާޓީ، ގީލާނީގެ ކޯލިޝަނުން ވަކިވީ އެޕާޓީއަށް ނިސްބަތްވާ ދެވަޒީރަކު ގީލާނީގެ ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކޯލިޝަނުން ވަކިވުމާބެހޭ ގޮތުން މުއްތަޙިދާ ޕާޓީގެ މަސްއޫލުވެރިއެއް ކަމަށްވާ ފައިސަލް ސައިޒްވަރީ އޭރު ވިދާޅުވީ މިކަންކުރަންޖެހުނީ އެޕާޓީން އެދުނު އެއްވެސް ކަމަކަށް ގީލާނީގެ ސަރުކާރުން އަޅާނުލުމުން ކަމުގައެވެ.


މުއްދަޙިދާ ޕާޓީއަކީ ކުޑަޕާޓީއެއް ނަމަވެސް އެއީ ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ކަރާޗީގައި އެންމެ ނުފޫޒުގަދަ ޕާޓީއެވެ. މިޕާޓީއަށް ޕާކިސްތާނުގެ ބަރުލަމާނުގައި ހިމެނޭ 342 ގޮނޑިން 25 ގޮނޑި ލިބިފައިވެއެވެ. ގީލާނީގެ ކޯލިޝަން ސަރުކާރު އުފެދިފައިވަނީ މުއްތަޙިދާ ޕާޓީއާއެކު ބަރުލަމާނުގައި 181 ގޮނޑި ހޯދައިގެންނެވެ. މި ޕާޓީ ވަކިވުމުން ގީލާނީގެ ސަރުކާރަށް މިހާރު ލިބިފައިވާ ބަރުލަމާނުގެ ގޮނޑީގެ ޢަދަދު އެންމެ 156 ގޮނޑިއަށް ދަށަށް ދިޔައެވެ. މިއީ ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ އަޣްލަބިއްޔަތު ކަމަށްވާ 172 ގޮނޑިއަށްވުރެ 16 ގޮނޑި މަދު ޢަދަދެކެވެ. ޕާކިސްތާނުގެ ސަރުކާރު ވެއްޓުމަކީ އެމެރިކާއާއި ހުޅަނގުގެ ބާރުތައް ކަންބޮޑުވާނެ ކަމެކެވެ. އެއީ، ގީލާނީގެ ސަރުކާރު މެދުވެރިކޮށް ތާލިބާނުންނާ ދެކޮޅަށް ނުސީދާގޮތެއްގައި އެމެރިކާ ކުރަމުންގެންދާ ހަނގުރާމައަށް މިކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ.