25 Jun 2014, 15:21
ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމުމަށް ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ދިނުމަށް ނިންމާފައިވާ އެއް މިލިއަން ޔުއާންގެ ތެރެއިން 950،000 (2.3 މިލިއަން ރުފިޔާ) ޔުއާން ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން ދިން 950،000 ޔުއާންގެ ޗެކު ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. ޝައިނީއާ އެ ފައިސާ ހަވާލު ކުރެއްވީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ޗައިނާގެ ސަރުކަރުން އެއް މިލިއަން ރުފިޔާ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މިއަހަރުގެ ކުރީކޮޅު އެވެ.
ޗައިނާ އިން ރާއްޖޭގެ ދަނޑުވެރި ކަމަށް ދިން ފައިސާއާ ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. ޝައިނީ ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް ދޭ އެއް މިލިއަން ޔުއާންގެ ތެރެއިން 95 ޕަސެންޓް މިއަދު ހަވާލު ކުރި ނަމަވެސް އެ ފައިސާ އިން ބައެއް ބާކީވާ ނަމަ އެ ފައިސާ ޗައިނާއާ ހަވާލު ކުރާނެ އެވެ.
"އެމްއޯޔޫގައި އޮންނަ ގޮތުން 95 ޕަސެންޓު ހަވާލުކުރެވެނީ. މަސައްކަތްތައް ނިމި މޮނިޓާ ކުރަން ފަށާފައި ބާކީ ފަސް ޕަސެންޓް ލިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖެ އަށް ދިން އެއް މިލިއަން ޔުއާން (2.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ބޭނުން ކުރަން ހަމަޖެހިފައި ވަނީ މިހާތަނަށް ރާއްޖޭގައި ނެތް މުޑުވައްތައް ޓެސްޓު ކުރުމަށާއި އަދި ގަސްތަކަށްޖެހޭ ބަލިތަކަށް ހައްލެއް ހޯދުމަށެވެ.
މީގެ އިތުރުން ވެސް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ މެޝިނަރީތައް ހޯދުމަށް ވެސް ވަނީ އެ ޕްރޮޖެކްޓުގައި ހިމަނާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެއް މިލިއަން ޔުއާން ޕްރޮޖެކްޓްގެ ދަށުން ކުކުޅު ކާނާ ތައްޔާރުކުރާ ފޯމިއުލާއެއް ވެސް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާއާ ފިޝަރީޒް މިނިސްޓްރީގެ ގުޅުން ވަރަށް ރަނގަޅު ކަމަށާއި މިހާރު ވެސް ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންތަކެއް އެދާއިރާއިން ޗައިނާގައި ޓްރޭނިންގ އެއް ހަދަމުން އަންނަ ކަމަށެވެ.
ފިޝަރީޒްގެ ދާއިރާއިން ޗައިނާއިން ރާއްޖެއަށް ކޮށްދެވެން ހުރީ ކޮންކަމެއްތޯ ބެލުމަށް އެ ގައުމަށް ދިއުމަށް ދައުވަތު ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.