ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލުމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލުމަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދު ހެނދުނު މެދުކަނޑައިލި ޖަލްސާ މެންދުރު ފަހު 2:00 ގައި ފެށުމަށް ފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލުމަށް އެކުލަވައިލި ވަގުތީ ކޮމެޓީގެ މަސައްކަތް ނިންމައި ކޮމެޓީ ރިޕޯޓް ފޮނުވާފައިވާ ކަމަށެވެ. އަދި ކޮމެޓީ ރިޕޯޓަށް ގޮތެއް ނިންމުމަށް އެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރަައްވާނެ ކަމަށް މަސީހް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލުމުގެ ޒިންމާ ހަވާލު ކުރެވުނު ވަގުތީ ކޮމެޓީ އަށް މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލުމުގެ މަސައްކަތް ނިންމާލެވިފައިވަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މަޖިލިސް އަލަށް އެކުލަވައިލުމަށް ފަހު، ފުރަތަމަ ދެ ހަފްތާ ތެރޭގައި ދާއިމީ ކޮމެޓީތަކަށް މެންބަރުން އިންތިހާބު ކުރަންވާނެ ކަމަށެވެ.

އާ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް ފަހު މަޖިލިސް އަލަށް އެކުލަވައިލިތާ މިއަދަށް 28 ދުވަސް ހަމަވާނެ އެވެ. ނަމަވެސް ކޮމެޓީތަކަށް އައްޔަންކުރާނެ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީ އަށް އެ މަސައްކަތް ނިންމާލެވިފައި ވަނީ މަޖިލީހުގެ ޖަލްސާތައް އެކަމާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލުމުގެ މަސައްކަތް ކޮމެޓީން ނިންމާލިއިރު ކޮމެޓީތަކުގެ މެންބަރުންގެ އަދަދަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލައި ނިމުނުއިރު މާލިއްޔަތު ކޮމެޓީގެ މެންބަރުންގެ އަދަދު ވަނީ 13 އަށް ބަދަލުކޮށްފަ އެވެ. އަދި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީގެ މެންބަރުންގެ އަދަދު ވަނީ 14 އަށް ބަދަލުކޮށްފަ އެވެ.

ރައްޔިތުންގެ މަަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލައި ނިމުނުއިރު މަޖިލީހުގެ ދާއިމީ 11 ކޮމެޓީގެ މެޖޯރިޓީ ވެސް ލިބިފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމް ކޯލިަޝަނަށެވެ.