25 Jun 2014, 14:22
މިއަހަރުގެ ރޯދަމަހާ ދިމާކޮށް ފުލުހުންގެ މަސައްކަތްތަށް އިތުރަށް ހަރުދަނާކޮށް އާންމުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ކަންތައްތަކެއް މެނޭޖްކުރާނެ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، ރޯދަމަހާ ދިމާކޮށް އާންމުންނަށް ފަސޭހަ ކޮށްދިނުމަށް މާރުކޭޓު ސަރަހައްދުގައި ދުއްވާ ތަކެއްޗާއި މާރުކޭޓުގެ ހިދުމަތް ހޯއްދަން ވަޑައިގަންނަވާ ބޭފުޅުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
ސުޖާއު ވިދާޅުވީ މެންދުރު ފަހުގެ ވަގުތުތަކުގައި މާރުކޭޓު ސަރަހައްދުގެ ބައެއް މަގުތަކުގެ އިތުރުން ބައެއް ގޯޅިތަށް ބަންދުކުރާނެ ކަމަށާއި ނަމަވެސް އެ ހިސާބުގައި ޓްރެފިކް ބަލަހައްޓާ ފުލުހުން އެތަނުގައި ހިނގާ މީހުންނާއި ދުއްވާތަކެތި މެނޭޖްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އާންމުންނަށް އެއްވެސް އުނދަގުލެއް ނުވެ އެ ސަރަހައްދުގައި ހަރަކާތްތެރި ވެވޭނެ ހޮތް ހެދުމަކީ މިފަހަރު ފުލުހުންގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ސުޖާއު ވިދާޅުވި އެވެ.
ރަމަޟާން މަހުގެ ބައެއް ވަގުތު ތަކުގައި ޖިނާއީ ކުށްތައް އިތުރުވާކަން ފާއިތުވި ރޯދަމަސް ތަކުގައި ފާހަގަކުރެވިފައިވާ ކަމަށާއި މިއަހަރުގެ ރޯދަމަހު ރޯދަ ވީއްލާ ވަގުތާއި ފަތިސް ނަމާދަށްފަހު މާލޭގެ މަގުތަކުގައި މީހުން މަދު ގަޑިތަކުގައި ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން މާލެ ތެރޭގައި ހަރަކާތްތެރި ވާނެކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
އޭގެ އިތުރުން ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ފުލުހުން އިތުރަށް ތަރައްގީކުރަން ބޭނުންވާ ކަންތައްތައް ދެނެގަނެ ކުރިއަށް އޮތް ތަނުގައި ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ފުލުހުންގެ މަސައްކަތް ބައްޓަން ކުރުމަށް މިމަހު 26 އަދި 27 ގައި ޚާއްސަ އެކްސަސައިޒެއް ކުރިއަށް ގެއްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.