25 Jun 2014, 13:37
ބ. ކެންދޫގައި އަތިރިމައްޗަށް އެހެލާފައި އޮތް ކުޑަ ދޯންޏެއްގައި ރޯކޮށްލައިފި އެވެ.
ކެންދޫ ކައުންސިލުގެ ނައިބް ރައީސް އަހުމަދު އަބްދުއްރަޝީދު ވިދާޅުވީ، ރަށުގެ އުތުރު ފަރާތަށް އެހެލޭފައި އޮތް 12 ފޫޓުގެ މަސް ދޯންޏެއްގައި ރޯކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެވަގުތު އެ ސަރަހައްދުގެ ކެފޭ އެއްގައި މެޗް ބަލަންތިބި ޒުވާނުންތަކެއްގެ އެހީއާއި އެކުގައި ކަމަށާއި ދޯނީގައި ރޯކޮށްލުމުގެ ސަބަބުން ދޯނި ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަޝީދު ވިދާޅުވީ، ދޯނީގައި ރޯކޮށްލުމާއެކު ރަށު ތެރޭގައި އެކި ގޮތް ގޮތަށް އެކި ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި ނަމަވެސް ދޯނީގައި ރޯކޮށްލާފައިވަނީ ކީއްވެ އަދި ކާކު ކަމެއް އަދި އެނގިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފަހަކަށް އައިސް އެރަށުގެ އެކިތަންތަނުގައި ހުޅުޖެހުން އާއްމުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށު ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ކައުންސިލް އިންތިހާބަށް ފަހު ރަށުގެ އެކިތަންތަނުގައި ދަނީ ހުޅުޖަހަމުން. ރަށުގައި ހުންނަ ދުވަސްވީ ބޮޑެތި ގާނި ކަސްތަކުގައިވެސް މީހުން އެއްކޮށްފައި ހުންނަ ދަރުބޮޑިތަކުގައިވެސް ވަނީ މީގެ ކުރިން ރޯކޮށްލާފަ. މިދިޔަ މަހުގެ ވެސް ކުނިކޮށީގައި ދަޅާ އެއްޗެހި ވަކިކުރަން ހަދާފައި ހުންނަ އިމާރާތުގައި ވަނީ ރޯކޮށްލާފަ،" އަބްދުއްރަޝީދު ވިދާޅުވި އެވެ.