25 Jun 2014, 13:14
ތ. ތިމަރަފުށީ އެއާޕޯޓުގެ ރަންވޭ މައްޗަށް އުދައަރައިފި އެވެ.
ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝަރީފް ވިދާޅުވީ އެރަށު ދެކުނު ފަރާތުން އުދައަރަން ފެށީ މިއަދު ހެނދުނު 10:30 އެހައިކަންހާއިރު ކަމަށާއި އެއާޕޯޓުގެ ރަންވޭގެ ބޮޑު ބަޔަކަށް އުދައަރައި ރަށުގެ ގެއަކަށް ވެސް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. ރަންވޭ މައްޗަށް އުދައެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުނި ވަނީ ރަންވޭގެ މައްޗަށް ޖަމާވެފަ އެވެ.
މޫދާ ކައިރިން ހިއްކައިގެން ހަދާފައި އޮތް ތިމަރަފުށީ އެއާޕޯޓަށް އުދައަރައި އެއާޕޯޓުގައި ޖަހާފައި ހުރި ފެންސުން ބައެއް ވެއްޓިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިއަދު ދިޔަވަރު ބޮޑުވާ ވަގުތު އިތުރަށް އުދައަރާނެ ކަމަށް ލަފާކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ޝަރީފް ވިދާޅުވީ އެއާޕޯޓު ރަންވޭއަށް އުދައެރި ނަމަވެސް އެއާޕޯޓު އޮޕަރޭޝަންތައް ހުއްޓިފައިނުވާ ކަމަށެވެ.
"މިއަދު ހެނދުނު އޮތީ އެންމެ ފުލައިޓެއް އެހެންވެ އިތުރު ފުލައިޓެއް ނުޖައްސާތީ މާބޮޑު އަސަރެއް ނުކުރާނެ. މިހާރު އެއާޕޯޓު މުވައްޒަފުން ނުކުމެ ރަންވޭ ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ރަށް ރަށަށް އުދައަރަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓު އޮފީހުން ބުނީ މިހާތަނަށް އުދަ އަރައިގެން ރިޕޯޓުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ އާއި އެ އަތޮޅު ރަތަފަންދޫ އިން ކަމަށެވެ.
އެ ސެންޓަރުގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އުދައެރުމުގެ ފުރުސަތު ބޮޑީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި ނަމަވެސް އެހެން ހިސާބުތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އުދައިގެ އަސަރު ކުރި ރަތަފަންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ވަޖީހު ވިދާޅުވީ އެރަށަށް އުދަ އަރަން ފެށީ މިއަދު ހެނދުނު 9:00 ހާއިރުން ފެށިގެން ކަމަށެވެ.
މިހާތަނަށް އެއްވެސް މީހަކަށް އަދި ގޭގޭގައި ގެންގުޅޭ އެއްޗަކަށް ބޮޑު ގެއްލުމެއް ނުވި ނަމަވެސް ގަސްތަކަށް ލޮނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ރަށުތެރެއަށް 150 ފޫޓަށް އުދަ އަރާފައިވާއިރު، ހަތަރު ގެއަކަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގޭގޭ ދޮށުގައި ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށް ވެސް ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.
ރަތަފަންދޫ އަށް އުދައަރަމުން ދަނީ އެރަށުގެ ފުއްޓަރު ފަރާތުންނެވެ.
"މިރަށަކީ (ރަތަފަންދޫ) ވަރަށް ބޮޑަށް ގިރަމުންދާ ރަށެއް. އުދައަރަމުންދާތީ ވެލި ބަސްތާ ޖަހަމުން މިހާރު ވެސް ދަނީ. ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ވެސް ހުރިހާ ބޭފުޅުން ވީ އެ މަސައްކަތުގައި،" ރަތަފަންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ވަޖީހު ވިދާޅުވި އެވެ.
މިއަދު ހެނދުނު 10:15 އިން ފެށިގެން އުދައަރަންފެށި ފަރެސް މާތޮޑާ ކައުންސިލުން ބުނީ ދެ އަވަށަށް ވެސް އުދަ އަރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ފުލުހުން ނުކުމެ އުދައަރާ ސަރައްދުގައި ވެލި ބަސްތާ އާއި ސިމެންތި އާއި ދަގަނޑު ޖަހަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ފަރެސްމާތޮޑާ ކައުންސިލުން ބުނީ އުދައިގެ އަސަރު މިހާތަނަށް މާތޮޑާ އަވަށުގެ ދެ ގެއަކަށް ކޮށްފައިވާ ކަމަށެވެ. އެރަށު ކައުންސިލުން ބުނީ ފަރެސް އަވަށަށް އުދައެރި ނަމަވެސް ގެތަކާ އަތިރިއާ ދުރުކަމުން، އެއްވެސް ގެއަކަށް މިހާތަނަށް އުދައިގެ އަސަރު ކޮށްފައިނުވާ ކަމަށެވެ.
މެޓު އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި 10 މެލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަޑުތައް އާންމު ގޮތެއްގައި ގަދަކަމަށް ދައްކާ ކަމަށެވެ.