25 Jun 2014, 13:08
އަޑުގަދަ ތަންތާންގައި ތިމާ ބޭނުންވާ އަޑަކަށް ފޯކަސް ކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އިއަރ ޕީސް އެއް ސައުންޑްހޯކް ކިޔާ ސްޓާޓްއަޕް ކުންފުންޏަކުން ބާޒާރަށް ނެރެފިއެވެ.
ރެސްޓޯރަންޓެއްގައި ރައްޓެހިންނާ އެކު އިންނަ އިރު މޭޒުގައި ތިބޭ މީހުން ދައްކާ ވާހަކަ ސާފު ނުވާނަމަ، “ސްކޫޕްގެ” އިއަރޕީސް ކަންފަތުގައި ހަރުކޮށްލުމަށްފަހު މައިކް ނަގައި މޭޒުމަތީ ބާއްވަން ވީއެވެ. އޭރުން މޭޒުގެ ވަށައިގެން ތިބޭ މީހުން ދައްކާ ވާހަކަ “އެންހާންސް” ވެގެން ދެއެވެ.
ސައުންޑްހޯކްގެ “ސްކޫޕް” ޑިވައިސްގައި އެކުލެވިގެން ވަނީ ތިން ބައެކެވެ. އެއީ ކަންފަތުގައި ހަރުކޮށްލެވޭ އިއަރ ޕީސް އަކާ މައިކް އެއްގެ އިތުރުން ޗާޖިންކާ ކޭސް ނުވަތަ ފޮއްޓެކެވެ.
ސްކޫޕްއާ އެއްކޮށް އަންނަ މައިކް ބޭނުންތަނެއްގައި ބާއްވާލެވިދާނެއެވެ. އަދި ބޭނުމިއްޔާ މީހެއްގެ ގައިގައި ހަރުކޮށްވެސް ލެވިދާނެއެވެ. މައިކް ބާއްވަފައި ނުވަތަ ހަރުކުރެވިފައިވާ ތަނަކުން އަންނަ އަޑުތައް ކަންފަތުގައި ހަރުކޮށްފައި ހުންނަ އިއަރ ޕީސް އަށް ފޯކަސް ވާނެއެވެ.
ސްކޫޕް ޑިވައިސް އަށް ހާއްސަ އެޕްލިކޭޝަންއެއްވެސް ސައުންޑްހޯކް އިން ވަނީ އުފައްދާފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޑިވައިސް އާ ފޯނާ ގުޅާލައި، އަޑު އަހަން ބޭނުންވާ އަޑުގެ ކުއަލިޓީ ކޮންޓްރޯލް ކުރެވެއެވެ. މިސާލަކަށް، އިއަރ ޕީސް އަށް އިވޭ އަޑުތަކުގެ ބޭސް، ޕިޗް އަދި ފްރީކުއަންސީ މި އެޕްލިކޭޝަން މެދުވެރިކޮށް ބަދަލުކޮށްލެވެއެވެ.
ސައުންޑް ހޯކް ގެ ސްކޫޕް އަކީ އަޑުއެހުމުގައި ނުކުޅެދުންތެރިކަން ހުނަން މީހުންނަށް އުފައްދާފައިވާ ޑިވައިސް އެއް ނޫނެވެ. ހިއަރިން އެއިޑް ތަކާ ހިލާފަށް ސްކޫޕް ގެ އިއަރ ޕީސް ހަރުކޮށްލެވޭނީ އެންމެ ކަންފަތެއްގައެވެ.
ސައުންޑްހޯކްގެ ސީއީއޯ މައިކަލް ކީޝް ބުނިގޮތުގައި މި ޑިވައިސް އުފައްދާފައިވަނީ އާއްމު ދިރިއުޅުމުގައި، އަޑުގަދަ ރެސްޓޯރަންޓްއެއްގައި ނުވަތަ އަޑުގަދަ މަގެއްގައި ހިނގާފައި ދާ މީހާ ބޭނުންކުރުމަށެވެ.
“އަހަރަމެންގެ މާހައުލު މި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އަޑުގަދަވަމުން. މާހައުލު އަޑުގަދަވާ ވަރަކަށް އަހަރަމެންނަށް ގުދުރަތީގޮތުން ލިބިފައިވާ އަޑުއެހުމުގެ ގާބިލުކަން ދަށްވޭ،” މައިކަލް ކީޝް ބުންޏެވެ.
މި ޑިވައިސް ބޭނުންކޮށްގެން މީހުންނަށް ފާރަލުން އިތުރުވެ، އާއްމުންގެ ޒާތީ ސިއްރުތައްކަށް ބިރެއް އޮތްތޯ ސުވާލުކުރުމުން މައިކަލް ކީޝް ބުނީ މި ޑިވައިސް އުފެއްދުމުގެ ބޭނުމަކީ އާއްމު ދިރިއުޅުން ފަސޭހަކޮށްދިނުން ކަމަށައި، މިއީ ޓެކްނޮލޮޖީގެ ކުރިއެރުން ދައްކައިދޭ އީޖާދެއް ކަމަށެވެ.
ސްކޫޕް ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރީއޯޑްރ ކުރެވޭ ގޮތަށް ސައުންޑްހޯކް ގެ ވެބްސައިޓްގައި އަންގާރަ ދުވަހު ވަނީ ހުޅުވާލާފައެވެ. ޕްރީއޯޑަރ ގައި މި ޑިވައިސް ވިއްކާ އަގަކީ 279 އެމެރިކާ ޑޮލަރެވެ. ނަމަވެސް ރީޓޭލް ފިހާރަތަކުން މި ޑިވައިސް ލިބޭނީ 299 ޑޮލަރަށް ކަމަށް ސައުންޑް ހޯކް އިން ވަނީ ބުނެފައެވެ.
https://www.youtube.com/watch?v=XMZnVE0j4es