25 Jun 2014, 12:50
މާލިއްޔަތު ކޮމެޓީގައި 13 މެމްބަރުން އަދި 241 ކޮމެޓީގައި 14 މެމްބަރުން ތިބޭ ގޮތަށް ބަދަލުކޮށް ދާއިމީ ކޮމެޓީތައް އަލުން އެކުލަވާލުމަށް ވަގުތީ ކޮމެޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގައި މާލިއްޔަތު ކޮމެޓީ އަށް 13 މެންބަރުން އިތުރު ކުރުމަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު އާމިރު އެވެ. އަދި ގާނޫނުއަސާސީގެ ދަށުން އުފައްދާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީ އަށް 14 މެންބަރުން އިތުރު ކުރުމަށް ހުށަހެޅުއްވީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
މިއަދު ކޮމެޓީން ފާސްކުރި ގޮތަށް ބަލާއިރު މާލިއްޔަތު ކޮމެޓީން ސަރުކާރު ހިންގާ ޕީޕީއެމް އަށް ފަސް ސްލޮޓް ލިބިގެންދާނެ އެވެ. އަދި އިދިކޮޅު އެމްޑީޕީ އަށް ހަތަރު ސްލޮޓް ލިބިގެންދާއިރު ޖުމްހޫރީ ޕާޓީއަށް ލިބިގެންދަނީ ދެ ސްލޮޓެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް އެއް ސްލޮޓް ލިބިގެންދާނެ އެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް މެމްބަރުން އިތުރުކުރެވުނު ގޮތަށް ބަލާއިރު ސަރުކާރު ހިންގާ ޕީޕީއެމް އަށް ފަސް ސްލޮޓް ލިބިގެންދާނެ އެވެ. އަދި އިދިކޮޅު އެމްޑީޕީ އަށް ތިން ސްލޮޓް ލިބިގެންދާއިރު ޖުމްހޫރީ ޕާޓީއަށް ދެ ސްލޮޓް ލިބޭނެއެވެ.
އެމްޑީއޭ އަށް އެއް ސްލޮޓް ލިބޭއިރު އަދާލަތު ޕާޓީއާއި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި މިނިވަން މެމްބަރަށް ވެސް އެ ކޮމެޓީން ފުރުސަތު ލިބިގެންދާނެ އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މާލިއްޔަތު ކޮމެޓީ އަށް 13 މެންބަރުން އިތުރު ކުރުމަށް ސަރުކާރު ހިންނާ ޕީޕީއެމް އާއި އަދި އިދިކޮޅު އެމްޑީޕީ އިން ތާއިދު ކުރި ނަމަވެސް ޖުމްހޫރީ ޕާޓީން ތާއިދުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް 241 ކޮމެޓީ އަށް މެންބަރުން އިތުރު ކުރުމަށް ކޮމެޓީން ފާސްކޮށްފައި ވަނީ ކޮމެޓީ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމެޓީއަށް މެމްބަރުން އިތުރު ކުރުމަށް ވޯޓު ނުދެއްވި ސަބަބާ ބެހޭ ގޮތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ އަދަދު 11 މެންބަރުންނަށްވުރެ އިތުރުވެގެން ދިއުމަކީ އެ ޕާޓީން ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ވަކި ޕާޓީއަކުން ނުވަތަ ޕާޓީތަކަކުން ބޭނުންވާ ގޮތަކަށް މަޖިލީހުން ކަންތައް ނިންމުމަށް މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ މެންބަރުންގެ އަދަދު އިތުރު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުން 10:00 ގައި ފެށިނަމަވެސް ޕާޓީތަކުގެ މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން 11:00 ގައި ކޮމެޓީ ވަނީ މެދުކަނޑާލާފަ އެވެ. އަދި އޭގެ ފަހުން 11:30 ގައި ކޮމެޓީ ފެށިއުރު ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކޮމެޓީތައް އެކުލަވާލުމުގައި ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުން ކުރިއަށްދިޔައިރު އެ ކޮމެޓީގައި އެމްޑީޕީ ތަމްސީލް ކުރައްވާ މަރަދޫ ދާއިރާ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ކޮމެޓީ ދޫކުރައްވައި ވަޑައިގެންނެވުމަށް ފަހުން ކޮމެޓީގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް މިއަދު ނިމިގެން ދިޔައިރު، ބައެއް ކޮމެޓީތަކުގައި ތިބޭނީ 10 މެމްބަރުންނެވެ. އެހެންކަމުން ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުގެ އަދަދު އޮނަހިރި އަދަދަކަށް ބަދަލުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ކޮމެޓީތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލައި ނިންމާލެއްވުމަށް ފަހު ކޮމެޓީގެ މުގައްރިރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މިއަދު މެންދުރު ފަހު 2:00 ގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް ކޮމެޓީ ރިޕޯޓު ފޮނުއްވާނެ ކަމަށާއި ކޮމެޓީ ރިޕޯޓަށް ތަޅުމުން ގޮތެއް ނިމިގެމްދާނެ ކަމަށް އަންމީދު ކުރައްވާ ކަމަށެވެ.