ފުލުހުންގެ މަސައްކަތް ހަލުއި ކުރުމަށާއި އަތޮޅުތަކުގެ ތެރޭގައި ކުރާ މަސައްކަތްތައް އެއް ތަނަކުން މޮނިޓާ ކުރުމަށް "ޕޮލިސް އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމް" (ޕިމްސް)އެއް ގާއިމުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސިސްޓަމް ލޯންޗު ކޮށްދެއްވުމަށް ފަހު ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، އެ ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުލުހުން ހިންގާ ތަހުގީގުތަކާ ގުޅޭ ހުރިހާ މައްސަލަތަކާއި ރެކޯޑްތައް އެއް ސިސްޓަމެއްގެ ތެރެއިން މެނޭޖް ކުރެވިގެން ދާނެ ކަމަށެވެ. އަދި މައުލޫމާތު ނެގުމާއި ހިއްސާ ކުރުމަށް ފުލުހުންގެ ތެރޭގައި މިހާރު ކަރުދާސް ބޭނުންކޮށްގެން ކުރާ ހަރަދުތައް އެތައް ގުނައަކަށް ކުޑަކުރެވިގެން ދާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ތަހުގީގުގެ ދާއިރާގައި ފުލުހުންގެ ކުރަން ޖެހޭ މަސައްކަތާއި ރައްކާކުރަން ޖެހޭ ހެއްކާއި ގަރީނާ އެހެނިހެން މުހިންމު ތަކެއްޗަކީ ރާއްޖޭގެ އެއްވެސް އެހެން ބަޔަކަށް ރައްކާކުރަން ޖެހޭ ވަރަށް ވުރެ ގިނަ އަދި މުހިންމު އެއްޗެއް. އެހެންވީމާ މި ނިޒާމުގެ ސަބަބުން އެ މަސައްކަތްތަކަށް އިތުރު ހަރުދަނާ ކަމެއް ލިބިގެންދާނެ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އަސާސަކީ ރާއްޖޭގައި މަސްލަހަތު ގާއިމްކޮށް ބައިބައިވުންތަކަށް ފުރުސަތު ނުދީ އަދި ގާނޫނު ނަގަހައްޓައި ޖިނާއީ އެކިއެކި ކުށްކުރާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރުންމަތީ ދެމިތިބުން ކަމަށާއި އެކަންކަމަށް މަގުފަހިވެ މަސައްކަތްތައް ހަލުވި ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރުން ކަމަށެވެ.

އެގޮތުން ޒުވާނުންނާއި ފުރާވަރުގެ ކުދިން ހެޔޮމަގަށް އަޅުވައި ކުށުގެ ވެށިން އެ ކުދިން ސަލާމަތް ކުރަން ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެއްގައި މިފަދަ ސިސްޓަމެއް ގާއިމު ކުރުމުން އެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި ހަރަދު ކުޑަވުމާއި ތިމާވެށި ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.